ދަރުމަވަންތަ ސްކޫލުގެ ކްލާސްތައް އެންމެފަހުން އޭސީކޮށްފި

ޑރ. އައިިޝަތު އަލީ މިއަދު ދަރުމަވަންތަ ސްކޫލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލުގެ ކްލާސް ރޫމްތައް އެންމެފަހުން އޭސީކޮށްފިއެވެ.

އެ ސްކޫލުގައި މިއަދު އޭސީގެ ހިދުމަތް ދޭން ފެށީ ކްލާސްރޫމްތަކުގައި ހޫނު ގަދަވާތީ ބެލެނިވެރިންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ރައްކާތެރިނޫން ކަމަށްބުނެ ކުރިން ދަރުމަވަންތަ ސްކޫލުގައި ބޭނުންކުރަމުން އައި އިމާރާތް 2016 އިން ފެށިގެން ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ ސްކޫލުގައި ކްލާސްރޫމްގެ ގޮތުގައި މިހާރު ބޭނުންކުރަމުން ދަނީ ވަގުތީ އިމާތާރެކެވެ. އެ އިމާރާތިގެ ތަނބުތައްވެސް ހުންނަނީ ދަނގަޑުން ހަދައިފައެވެ. އެހެން ކަމުން ހޫނު ގަދަ ދުވަސްވަރު އާދަޔާ ހިލާފަށް އެތަން ހޫނެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ވަރަށް އުނދަގޫވޭ. އޭނާގެ ގައިގައި ހިރުވުމާއި ބިހި ނެގުން ކަންތައްތައްތަކާ ހުރެ މިހާރު ހޮސްޕިޓަލަށްވެސް ކިތަންމެ ފަހަރަކު ދެވިއްޖެ،" ދަރުވަމަވަންތަ ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގެ އިސް އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ސްކޫލުގެ ކްލާސްރޫމްގައި އޭސީ ހަރުކުރީވެސް ދަރިވަރުންނަށް އެ ސްކޫލަކީ ކިޔަވަން ރަނގަޅު މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ހުރިހާ ކުދިންވެސް ވަރަށް އުފާވެފައި ތިބީ މިއަދު" އޮފިޝަލް ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގައި އޭސީ ހަރުކުރުމާ ގުޅިގެން މިއަދު އެ ސްކޫލުގެ ހާލަތު ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

comment ކޮމެންޓް