މިލިއަނެއްހާ ރުފިޔާ ނުދައްކައިގެން އެސްޓީއޯއިން ނިހާނުގެ މައްޗަށް ދައުވާ އުފުލައިފި

ޕީއެންސީގެ ނައިބު ރައީސް ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހާބަރު ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ހިފުމަށް ފަހު ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާ ނުދައްކައިގެން ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެސްޓީއޯއިން ނިހާނުގެ މައްޗަށް ދައުވާ ކުރީ ފުޑްކޯޓުގެ ޔުނިޓް 22 ކުއްޔަށް ހިފުމަށް ފަހު ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެވެ.

އެސްޓީއޯއިން ދައުވާކޮށްފައިވަނީ އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެފައިސާ ހޯދުމަށެވެ. ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާއިރު މިއަދު އެ މައްސަލާގައި ބޭއްވި އަޑުއެހުމަށް ނިހާނު ހާޒިރުވެފައި ނުވާކަން ވަނީ އެނގިފަ އެވެ.

ފުޑް ކޯޓުގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ދައްކަންޖެހެ އެވެ. އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ 2018 އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށެވެ.

ފުޑްކޯޓު އައުޓްލެޓްތައް ބަލަހައްޓަނީ އެސްޓޯއިން އެވެ.

comment ކޮމެންޓް