ކުނި މަދުކޮށް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ހަރަކާތެއް

ބ. މާޅޮހުގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކާއި އެހެނިހެން ކުދި މަދުކޮށް، ރީސައިލަކް ކުރުމުގެ އާދަ އަށަގެންނެވުމަށް އެރަށު ސްކޫލު ކުދިންގެ މެދުގައި ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

"ޒީރޯ ވޭސްޓް ޗެލެންޖް"ގެ ނަމުގައި ކުރިއަށްގެންދިޔަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާޅޮހު ސްކޫލު ދަރިވަރުންގެ މެދުގައެވެ. އެންމެ ގިނަ ކުނި ގްރޭޑެއްގެ ދަރިވަރުން މޮޅުވާގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުން އެއްކުރި ކުނި ރީ ސައިކަލް ކުރުމަށް ވަނީ ނިންމައިފައެވެ.

މެއި 19 އިން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުން މޮޅުވާ ގްރޭޑެއް ހޮވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މި ޗެލެންޖްގެ ދަށުން ދަރިވަންނާއި، ސްކޫލު ޓީޗަރުން އަދި ބެލެނިވެރިން އެއްކުރާ ޕްލާސްޓިކް ކުނި އަދި ދަޅުފަދަ ތަކެތި ކަނޑައެޅޭ ވަކިދުވަސްތަކެއްގައި ކިރުމަށްފަހު ކޮންމެ ގްރޭޑަކަށް ޕޮއިންޓް ދިނެވެ.

މި މުބާރާތުގެ ދަށުން އެއްކުރި ކުނި ހުށަހަޅަންޖެހެނީ ސާފުކުރުމަށްފަހުއެވެ. އެގޮތުން ކުދިން އެއްކުރި ދަޅު އަދި ފުޅި ފަދަ އެއެއްޗެތީގައި ބާކީވެފައި ހުންނަ ކާނާފަދަ ތަކެތި ނުހުންނަ މިންވަރަށް އެތަކެތި ދޮވެ، ސާފުކުރަން ޖެހުނެވެ.

ދޮވެފައި ބަހައްޓަ ކުނި ރީސައިކްލް ކުރުމަށް ނުވަތަ އިތުރަށް ޕްރެސްކުރުމަށް ގެންދެވޭނެއެވެ.

ދަރިވަރުންނަށް ލިބޭ ޕޮއިންޓް އިތުރުކުމުގެ ގޮތުން އަމިއްލައަށް ބޭކާރުގޮތުގައި ދަޅު އަދި ފުޅި ފަދަ ތަކެތި ހޯދައިގެން ބޭނުންކުރުން އޮތީ މަނާކޮށްފައެވެ.

ނަމޫނާ ބ. އަތޮޅު މަޝްރޫއުގެ ދަށުން ހިންގި މި ހަރަކާރުން މޮޅުވާ ގްރޭޑްގެ ދަރިވަރުންނަށް ހަނިފަރުގައި މާންޓާ ބެލުމަށް ސްނޯކްލިން ދަތުރަކާއި، ސޮނެވާފުށީގެ އޮބްޒަވޭޓަރީގައި އެސްޓްރޮނޮމީ ކްލާހެއް ނަގާދޭނެއެވެ. އަދި ތުއްތު ކުދިންނަށް ސޮނެވާފުށީގެ ކުޑަކުދިންގެ ޕާކް، 'ޑެންގައި' އެއްދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ފެބްރުއަރީ މަހު އެކުލަވާލެވުނު "ނަމޫނާ ބ. އަތޮޅު" މަޝްރޫއަކީ ބ. އަތޮޅު ކިހާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން، ސޮނެވާފުށްޓާއި ގުޅިގެން، މިތިންރަށަށް ދިމާވެފައިވާ ސިންގްލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ މަޝްރޫއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް