ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެއްޖެ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ ވަނީ ކުށަށް އިއުތިރާފުވެފައި -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖޫން 16): އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

ސާރާ ނަތަންޔާހޫގެ މައްޗަށް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްފަ އެވެ. އެއީ ބޮޑުވަޒީރުގެ ގެކޮޅުގައި ކައްކާއެއް ނެތް ކަމަށް ވިދާޅުވެ، ބޭރުން ކޭޓާ ކުރުވުމަށް 99,300 ޑޮލަރު ދައުލަތުގެ ފައިސާއިން ހޭދަ ކުރެއްވި މައްސަލައިގަ އެވެ.

ނަމަވެސް ސާރާ ނަތަންޔާހޫގެ ވަކީލު ވަނީ ގެކޮޅަށް ކާތަކެތި ގެނައުމުގައި އިސްކޮށް އުޅުނީ ހައުސްހޯލްޑް މެނޭޖަރު ކަމަށާއި އެއީ އެކަމަނާއާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ބޮޑުވަޒީރަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ އަނބިކަނބަލުން ދިފާއު ކުރައްވައިފަ އެވެ.

"ސާރާ ނަތަންޔާހޫއަކީ ހިތްވަރުގަދަ އަދި ގަދަރުވެރި އަންހެނެއް. އަދި އެކަމަނާ އެއްވެސް އިރެއްގައި ގޯސް ކަމެއް ނުކުރައްވާ،" ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައިވެ އެވެ.

ސާރާ ނަތަންޔާހޫ ކުށަށް އިއުތިރާފު ވުމުން އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ދައުލަތަށް 12،490 ޑޮލަރު އަނބުރާ ދެއްކުމަށް އަމުރުކޮށް، 2،777 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މީގެ ކުރިން ސާރާ ނަތަންޔާހޫގެ މައްޗަށް ވަނީ މުވައްޒަފުންނާ ހަޑި ހުތުރު ބަހުސް މުވާމަލާތު ކުރެއްވި ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ބޮޑުވަޒީރުގެ ގެކޮޅުގައި ކުރިން މަސައްކަތް ކުރި މީހަކު ހުށަހެޅި އެމައްސަލާގައި އޭނާއަށް 43،700 ޑޮލަރު ދޭން ކޯޓުން އެންގި އެވެ.

ނަތަންޔާހޫގެ އަނބިކަނބަލުން ކުށަށް އިއުތިރާފުވެފައި ވަނީ އިސްރާއީލުގައި މި އަހަރު ދެވަނަ ފަހަރަށް ބާއްވާ އާއްމު އިންތިހާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގައުމުގެ އާއްމު އިންތިހާބު ދެވަނަ ފަހަރަށް ބާއްވަން ޖެހުނީ ޕާލިމެންޓުން ގިނަ ގޮނޑި ކާމިޔާބު ކުރި ނަތަންޔާހޫއަށް އާ ކޯލިޝަން ސަރުކާރެއް ގާއިމު ނުކުރެވުމުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ އާއްމު އިންތިހާބު ބޭއްވުމުގެ ކުރިން އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ ނަތަންޔާހޫގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މި އަހަރު ތެރޭ އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ބޮޑުވަޒީރުކަމުގައި ހުންނަވަން ބޭނުންފުޅު ވަނީ އެދައުވާތަކުން ހިމާޔަތް ހޯއްދެވުމަށެވެ.

ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މުއްސަނދި ވިޔަފާރިވެރިންގެ އަތުން ރިޝްވަތު ގަބޫލު ކުރެއްވުމާއި އޭނާއަށް ފާޑު ކިޔާ ނޫހެއްގެ ވެރިޔާއަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވުން ހިމެނެ އެވެ. ނަމަވެސް ނަތަންޔާހޫ ކޮރަޕްޝަނުގެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވަ އެވެ.

comment ކޮމެންޓް