ހަތަރު ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ބަހްރެއިންގެ ސަފީރު އަބްދުއްރަހުމާނު މުހައްމަދު އަލް ގައުދު ރައީސް ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ފަތްކޮޅު އަރުވާފައި ވަނީ ނިއުޒިލެންޑާއި، އޮސްޓްރޭލިއާއާއި، މޯލްޓާއާއި، ބަހްރެއިންގެ އާ ސަފީރުންނެވެ.

  • ނިއުޒިލޭންޑްގެ ސަފީރު: ޖޮއާން ޓިންޑޯލް
  • އޮސްޓްރޭލިއާ ސަފީރު: ޑޭވިޑް ޖޮން ހޮލީ
  • މޯލްޓާ ސަފީރު: ސްޓެފަން ބޯރގް
  • ބަހްރެއިން: ސަފީރު އަބްދުއްރަހުމާނު މުހައްމަދު އަލް ގައުދު

މި ހަތަރު ގައުމުގެ ސަފީރުން ވަނީ ވަކި ވަކިން ރައީސްއާ ބައްދަލުކުރައްވައި އެގައުއުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެބޭފުޅުން ވަނީ ރާއްޖެއާއި އެ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިވާކަން ފާޅުކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ބައިވެރިންނާއެކު ރާއްޖޭގެ ތަރައްގީގެ އެޖެންޑާ ހިންގުމުގައި މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި މިމަހުގެ 17 އިން 18 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019" ގައި އެ ޤައުމުތަކުން ބައިވެރިވެފައިވާތީ އެކަމަށްޓަކައި އެމަނިިކުފާނު ޝުކުރު އަދާކުރައްވި އެވެ.

comment ކޮމެންޓް