ސިއްހީ މަރުކަޒުތައް ހިންގާ އިސްވެރިން ތަމްރީން ކުރަނީ

މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ސިއްހީ މަރުކަޒުތައް ހިންގާ އިސްވެރިން ތަމްރީން ކުރުމަށް ރާވާފައިވާ ކަމަށް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިއްހީ މަރުކަޒުތައް ހިންގާ އިސްވެރިން ތަމްރީން ކުރުމަށް ރާވާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ސިއްހީ މަރުކަޒުތަކުގައި ތަޖުރިބާނެތް، ސިޔާސީ އެކްޓިވިސްޓުން ހަމަޖައްސާކަމަށް ބުނެ ބަޔެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު ހެލްތް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވި، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް މީހުން ހަމަޖެއްސުމަކީ ސަރުކާރު ނިންމުމެއް ކަމަށާއި ހެލްތް މިނިސްޓްރީގެ ޒިންމާއަކީ އެ މީހުންނަށް ދޭން ޖެހޭ ތަމްރީނު ދިނުން ކަމަށެވެ.

"ހެލްތް މިނިސްޓްރީގެ ޒިންމާއަކީ އެމީހުންނަށް ދޭ ތަމްރީނާއި އެމީހުންނަށް ދޭންވާ ހުނަރުދީ، އެމީހުންނަކީ އެކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން. ކިތަންމެ މަތީ ސަނަދެއް ލިބިގެން މަގާމަކާ ހަވާލުވާ މީހާވެސް މަގާމަކާ ހަވާލުވެފައި އެމީހާއަށް ބެނުންވާ ތަމްރީނާއި ތަޖުރިބާއާއި ދޭން ޖެހޭ ކަންތައްތަކެއް ހުންނާނެ،" ސިޔާސީ މީހުން ހެލްތް ސެންޓަރުތަކުގެ ވެރިންނަށް ހަމަޖައްސަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ރާވަނީ ހެލްތް ސެންޓަރުތަށް ހިންގަންތިބޭ އިސް މީހުންނަށް ހާއްސަ ތަމްރީންތަކާއި ހާއްސަ އެކްސްޕޯޝާތައް ފޯރުކޮށްދިނުމަށް،"

އަމީން ވިދާޅުވީ، ސިއްހީ މަރުކަޒުތައް ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެތަންތަން ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ކަމަށެވެ. އެގޮތުން އެގޮންޖެހުންތައް ހައްލުވަނީ، އެވެރިޔެއްގެ ސަނަދަކަށް ނުވަތަ އަމީހެއްގެ ސިޔާސީ ފިކުރަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހިންގުން ހައްލުވާނީ، އެމީހާގެ ސަނަދަށް ނޫނީ ސިޔާސީގޮތުން އެމީހާގެ ކުލައަށް ބަލައިގެންއެއް އެކަންޏެއް ނޫން. އެކަން ވާނީ އެމީހާއަށް ދޭ ތަމްރީނާއި ތަޖުރިބާއިން،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް