"އަނާލް'' ހުއްޓެން މަޖުބޫރުވީ އެ އަޑަކީ އޭނަ ދަންނަ އަޑަކަށް ވީތީއެވެ. ހައިރާންކަމާއެކު ފަހަތަށް އެނބުރިލާ އަނާލް މަޑުކޮށްލިއެވެ. ސިކުނޑިއަށް ބާރުލުމާއެކު އެއީ ކާކުކަން އަނާލްއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ދުލުން ތަނާހާގެ ނަން ބޭރުވެގެން ދިޔައެވެ. ކިތަންމެ މަޑުންނަމަވެސް އެ އަޑު ތަނާހާއަށް އިވުނެވެ. އޭނާ އަނާލްއާ ސަލާމް ކޮށްލުމުގެ ނިޔަތުގައި އަނާލްއަށް އޭނާގެ އަތް ދިއްކޮށްލިއެވެ.

އަނާލްއަށް އެއަތަށް ބަލަހައްޓައިގެން ކުޑަ އިރުކޮޅެއްވަންދެން ހުރެވުނެވެ. އިރުކޮޅަކުން އަނާލް އޭނާގެ އަތް ދިއްކޮށްލާ ސަލާމް ކޮށްލުމާއެކު ތަނާހާއަށް ވެސް ހަމަޖެހުމެއް ލިބުނެވެ. ވެރިވެގެން ދިޔަ ކުޑަވަގުތު ކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ތަނާހާ އަނެއްކާވެސް ވާހަކަދެއްކީ އަނާލް އިތުރަށް އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

"ކުޑަ އިރުކޮޅަކަށް އަހަރެންނާ ވާހަކަ އެއް ދައްކައިލަން މަޑުކޮށްލެވިދާނެތަ؟ މިތާ ކައިރި ރެސްޓޯރެންޓަކަށް" ތަނާހާ އާދޭސް އެކުލެވޭ ބެލުމަކުން އަނާލްއަށް ބަލާލަމުން ބުނެލިއެވެ. އެ އަޑު އަހާފައި އަނާލްއަށްވެސް ދެކޮޅު ހަދާނެހާ ހިތްވަރެއް ނުލިބުނެވެ. އަނެއްކޮޅުން ތަނާހާ ހުރީ އެހާ ބަދަލުވެފައެވެ. އެއްފަހަރަކު އޭނަ ދައްކާ ވާހަކައެއް އަޑުއަހާލައިގެން ގެއްލުމެއްނެތްތާއެވެ. ދެމީހުން އެކުގައި ގޮސް ވަނީ ހޮސްޕިޓަލްގެ ކައިރީގައި ހުންނަ ރެސްޓޯރެންޓަކަށެވެ.

ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށްފަހު ތަނާހާ އަނާލްއަށް ބަލާލިއެވެ. އަނާލް ވިސްނުމަކަށް ގެއްލިފައި އިން ތަންފެނި އޭނާއަށް ހިސާބެއްގެ އުނދަގުލެއްވިއެވެ.

"އަނާލް! ކިހިނެތްވީ؟ އަނެއްކާ އަހަރެންނާ ވާހަކަދައްކަން ހިންހަމަނުޖެހުނީތަ؟ އެނގޭ އުނދަގޫވާނެކަން އެކަމަކު އެއްފަހަރެއް ކަމަކު އަހަރެން ދައްކާ ވާހަކަވެސް އަޑު އަހާލަދެވިދާނެ އެއްނޫންތަ؟" އަނާލްގެ ހަމަހިމޭންކަމުގެ މާނަ ތަނާހާއަށް ނެގުނީ މުޅިން ނުބައިކޮށެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ހިސާބެއްގެ މާޔޫސް ކަމަކާއެކުގައެވެ. އަނެއްކޮޅުން އަނާލްގެ ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ އިޒިއަންއާއި ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ހިޔާލްތަކެވެ. އެ ހިޔާލުތަކުން އޭނާއަށް އެންމެ ސިކުންތަކުވެސް މިންޖުވެވޭގޮތެއް ނުވިއެވެ.

"އަނެއްކާ އަހަރެންނަށް އަނާލްއަށް އުނދަގޫ ކުރެވުނީތަ؟ އެހެންވެއްޖެއްޔާ އެކަމަށް އަހަރެން މާފަށް އެދެން" ތަނާހާގެ އަޑު އިވި މިފަހަރު އަނާލްއަށް ތަނާހާއަށް ބަލާލެވުނެވެ. މޫނުއަޅާފައި ހުރުމުން އެމޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ނުފެނުނުނަމަވެސް އެ އަޑުން މާޔޫސްކަން އަނާލްއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ތެޅިގަނެފައި އޭނާއަށް ވާހަކަ ދެކެވުނެވެ.

"ނޫނޭ. އެހެންވެގެނެއް ނޫން" އަނާލްގެ ޖަވާބު ކުރެވެ. ސިކުނޑިއަށް ވާންވެފައި ހުރުމުގެ ސަބަބުން ރަނގަޅަށް ވިސްނައިގަންނަން އަނާލްއަށް އުނދަގޫވެފައިވާ ފަދައެވެ. ތުންފަތުގައި ދަތް އަޅާލަމުން އެ ރިޕޯޓް މަތިން ހަނދާން ނައްތާލެވޭތޯ އަނާލް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހިނދުކޮޅަކަށްވެސް އެ ހިޔާލްތައް އަނާލްގެ ސިކުނޑިން ފޮހެލެވޭ ވަރެއްނުވިއެވެ.

"އަނާލް. އަހަރެންނަށް އެނގޭ ކަންތައް ކުރިން ވީ ގޮތުން އަނާލް އަހަރެންދެކެ ރުޅިއަންނާނެކަންވެސް. ފޫހިވާނެކަންވެސް. އެކަމަކު އަބަދު އެހުރިހާ ކަމެއް ހިތު އަޅައިގެން ނޫޅެވޭނެއެއްނު. އަހަރެން މިއައީ އަނާލްގެ ގާތުން މާފަށް އެދެން. މިއަދު އުފާވެއްޖެ އަނާލްއަށް ހިނގުނީތީ. އެއްވެސް ހަސަދަވެރިކަމެއް އަދި ރުޅިވެރިކަމެއްވެސް އަހަރެން އެއްވެސް މީހަކާ މެދު ބާއްވާކަށް ބޭނުމެއްނޫން. އަނާލްކަމަށްވިޔަސް. އަހަރެންގެ ދިރިއުޅުންވެސް ބަދަލުވެއްޖެ. މީހުންނާ ހަސަދަލާ ރުޅިއައިސްގެން ކަންތައްތައް ކުރުމަށްވުރެ އެކަކު އަނެކަކައް ހިތްސާފުކޮށްގެން އުޅުން މާ ރަނގަޅު ވާނެ." ތަނާހާ ވިސްނޭ މީހަކު ފަދައިން ވާހަކަދެއްކުމުން އަނާލް އަށް އަނެއްކާވެސް އިތުރު ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް ތަނާހާއަށް އެ އައި ބަދަލުގެ ސަބަބުން ލުއި ހިނިތުންވުމެއް ކުޑަވަގުތު ކޮޅަކަށް ވިނަމަވެސް އަނާލްގެ ތުންފަތް މަތީގައި ދުވެލިއެވެ. ތަނާހާ އަނާލް ގާތުން އަދިވެސް އެއްފަހަރު މާފަށް އެދެމުން އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް ހިސްސާކުރިއެވެ.

ތަނާހާއަށް ފޯނެއް އައުމާއެކު އޭނާ އަނާލް އަށް ބަލާލާ ފޯނުނެގިއެވެ. އެކޮޅުން ބުނި ވާހަކައަށް އިޖާބަދެމުން އޭނާ ފޯންބޭއްވިއެވެ. އެއަށްފަހު އަނާލްގެ އަތުގައި އަތް ޖައްސާލަމުން ވާހަކަދެއްކިއެވެ.

"އިންޝާ ﷲ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް...ހަޒްބެންޑް އެ ގުޅަނީ. ބޭބީވެސް ގޭގަ.... ރޯވަރުން އެ އުޅެނީ. މަންމަގެ ރިޕޯޓެއް ނަގަން ވެގެން އައީ. ދެން ގޮސްލީއޭ" ތަނާހާ އާއި ދެމީހުން މޭޒު ދޮށުން ތެދުވީ އެކު އެކީގައެވެ. އެހެންނަމަވެސް ތަނާހާ ހަރުފިޔަވަޅުތަކެއްގައި ގޮސް ލޯމަތިން އޮބާލުމާއެކު އަނާލް މިސްރާބުޖެހީ އެމް.އެޗް.ޑީ.ސީއަށެވެ.

*****

ދީމް އޮތީ ކޮޓަރީގެ އެނދުގައި އޮށޯވެއެވެ. ވިސްނުމަކަށް ގެއްލިފައި އޭނާ އޮތްއިރު ބަސީމްގެ ހިޔާލުތައް އެސިކުނޑީގައި ރަސްކަން ކުރަމުން ދިޔައެވެ. ބަސީމްއަކީ އޭނާގެ ބައްޕައޭ ހިތަށް އަރާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ އިޙްސާސްއެއް އޭނާ އަށް ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް އެއީ ބަދަލުވާނޭ ހަޤީގަތެއް ނޫންކަންވެސް އެނގެއެވެ. ބަސީމްއާއި ގުޅުމެއް ނެތް މީހަކަށް ވާން ބޭނުންވިނަމަވެސް ހަޤީގަތަކީ އޭނާގެ ހަށިގަނޑުގައި ބަސީމްގެ ލޭވެސް ދައުރުވަމުން ދާކަމެވެ. އެއީ ހިތި ހަޤީގަތް ކަމެވެ.

އެހެން ދީމް އޮއްވާ ޝަފޫން އެ ކޮޓަރި ތެރެއަށް ވަނެވެ. އަވަސް އަވަހަށް ތެދުވަމުން ދީމް ކަރުނަތައް ފުހެލިނަމަވެސް އެތަން ޝަފޫން އަށްފެނުނެވެ. އޭނާއައިސް ދީމްގެ އެއްފަރާތުގައި އިށީންނަމުން ދީމްގެ ބޮލުގައި ފިރުމާލިއެވެ.

"ދީމް ކޮންކަމަކާ ތި ވިސްނަނީ؟ މަންމައާ ހިއްސާކޮށްލީމަވެސް ލުއި ވާނެއެއްނު؟" ޝަފޫން މަސައްކަތް ކުރީ ދީމްގެ ހިތަށް ތަސައްލީއެއްދޭށެވެ.

"މަންމާ...." ދީމް އެނދުގެ ހެޑްބޯޑަށް ލެނގިލަމުން ޝަފޫންއަށް ގޮވާލީ ކަމެއް އޮޅުން ފިލުވާލަން ބޭނުންވާ ފަދައަކުންނެވެ. ޝަފޫން ދީމް ވާހަކައެއް އަހަން އުޅޭހެން ހީވެ ހަމަޖެހިލިއެވެ. އޭނާ ބޯ ޖަހާލީ ކުރިއަށް ގެންދާށޭ ބުނާފަދައަކުންނެވެ.

"މަންމާ.... ބައް.... ބަސީމް... ބައްޕަ..." ބަސީމްއަށް މުޚާތަބް ކުރާނީ ކިހިނެއްކަން ދީމްއަށް ނޭނގުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.

ޝަފޫން ދީމްގެ އަތަށް ފިތާލީ ހިތްވަރުދޭ ފަދައަކުންނެވެ.

"މަންމައަށް..... އޭނަ... ނާލް ރޭޕް ކުރި ގްރޫޕަށް މަސްތުވާ ތަކެތި ފޯރު ކޮށްދިންކަމާއި އޭނާއަށް އެ ގްރޫޕުން ރޭޕްކޮށްލީ ނާލްކަން އެނގުނީ ކިހިނެތް؟" ދީމްގެ ސުވާލާއެކު ޝަފޫންއަށް ދީމްގެ އަތުން ދޫކޮށްލެވުނެވެ. އޭނާއަށް ވަގުތުން ދުރުބަލާލެވުނެވެ. ދީމްގެ އެ ސުވާލަށް ދޭނެ ޖަވާބަކާ ދޭތެރޭ އޭނާއަށް ވިސްނާލެވުނެވެ.

"މަންމާ! ޕްލީޒް އަޅުގަނޑަށް ދެން އިތުރަށް އެއްވެސް ކަމެއް ސިއްރު ނުކޮށް ދީފާނަންތަ؟" ދީމްގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭކަށް ޝަފޫންއަކަށް ވެސް ނުކެރުނެވެ. އެހެންކަމުން އޭނާ އެކަން ހިނގި ގޮތް ދީމްއަށް ކިޔައިދޭންފެށިއެވެ.

"މަންމައަށް އެކަން އެނގުނީ މަންމަގެ ރައްޓެއްސެއްގެ ފަރާތުން. އޭނާ އޭރު މަސައްކަތް ކުރާނީ ފުލުހުގަ. އޭރުވެސް ބަސީމް ބަންދުކުރެވުނު ދެދުވަހަކަށް. އެކަމަކު އޭރު ހެކި ނެތޭ ކިޔާފަ ދޫކޮށްލެވުނީ. މަންމަގެ ރައްޓެހި އިމްޝާ ބުނި އޭރު ބަސީމް އޭ މަސްތުވާތަކެތީގެ ބޮޑަކީ. އެމީހުންނަށް ފަންޑުކޮށް ހަދާދެނީ ބަސީމްއޭ. އޭނަ ކިތަންމެ ވަރަކަށް އެކަން ބަލަން މަސައްކަތް ކުރިނަމަވެސް ކޮރަޕްޝަންއާ އެފަދަ ކަންތައްތަކާ ހެދި ބަސީމް ސަލާމަތްވީ ކަމަށް. އެކަން އޮތީ އެތެރޭގެ ސިއްރެއްގެ ގޮތުގަ. އެހެންވެ ބޭރު ނުވީ. އެނގޭތަ؟ އޭނަ ދޫކޮށްލި ދުވަހު މަންމަ ދިޔައިން އޭނާއާ ބައްދަލުކުރަން. އެކަނި މާއެކަނި އެގެއަށް ދިޔައީ. އެގެއިން ދުވާ ސިނގިރޭޓް ވަހުން ނޯއްދަމާލަން ނުކެރޭ. މަންމަގެ އަނގައިންވެސް ހޮޑު ނައީ ކިރިޔާ. މަންމަ ގޮސް އޭނާ އާ ކުރިމަތިލިން. މަންމަގެ ގާތުގަ އޭނާ އެއްބަސްވި އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް. މަންމަ އޭނާގެ އަޑު ރިކޯޑް ވެސް ކުރިން. އެ ފުލުހުންނާ ހަވާލުކުރާނެކަމަށް ބުނިން. އެއީ ކަންނޭގެ މަންމައަށް ހެދުނު ގޯހަކީ. ރިކޯޑް ކުރިކަން އޭނާއަށް އެނގުން. މަންމަ ދޮރާ ދިމާލަށް ގޮސް ގޮސް ހުއްޓަ އޭނަ ޖެއްސީ މަންމަގެ ކަރުގަ ވަޅިއެއް. ޖައްސާފަ މަންމައަށް އިންޒާރު ދިނީ... މަންމަގެ.... މަންމަގެ ދަރިފުޅު... ދަރިފުޅު.... ރޭޕް... ކޮށްލާނެކަމަށް. ބަދަލުގައި އޭނާ އެދުނީ އެކަން ސިއްރުކުރުމަށް. މަންމައަށް މަޖުބޫރުވި. ދީމްދެކެ ކިތަންމެ ރުޅިއަޔަސް މަންމަ ބޭނުމެއްނޫން ދީމްއަށް އެފަދަ ދެރައެއް ދޭކަށް. ހުދު މަންމަ އުޅުނު ހާލު އެނގޭނީ މަންމައަށް. އެއަށްފަހު އޭނަ މަންމައަށް ބިރު ދެއްކީ ދީމް ބޭނުންކޮށްގެން. މަޖުބޫރުވީ...... ހަނުހުންނަން މަންމައަށް މަޖުބޫރުވީ ދީމް!..... އެއީ ދީމްއަށް ޓަކާ. އެކަމުން އަނެއްކާވެސް ދީމް އަށް އޮތް ރުޅިގަނޑު އިތުރުވީ. މަންމައަށް މާފުކުރޭ." ޝަފޫން ހަޤީގަތް ކިޔައދިނުމުން ދީމްއަށް ލިބުނީ އަނެއްކާވެސް އަނެއް ޝޮކެވެ. މަންމަ އެއްވެސް މީހަކު ގާތު އެއްޗެއް ނުބުނެ ހުރުމުގެ އަސްލަކީ އޭނާ ހެއްޔެވެ؟ ތުންފަތުގައި ދަތް އަޅާލަމުން ދީމް އިސްޖަހާލިއެވެ.

"މަންމަ އެބަ ގަސްތުކުރަން މި ވާހަކަތައް މިހާރު ގޭ މީހުންނަށް ކިޔައިދޭން. ބަސީމްގެ އެއްވެސް އުނދަގުލެއް މިހާރަކު ނުވާނެއެއްނު. ބައްޕައަށް ވެސް ނޭނގޭނެ މަންމަ ބަސީމްއާއި ބައްދަލުކުރަން ދިޔަކަމެއް. އެނގުނީމަ މަންމަދެކެ ރުޅި ވެސް އަންނާނެ." ޝަފޫން ބުނެލިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އަފާޒު އެ އަޑުއަހަން މަޑުކޮށްލައިގެން ހުރިކަމެވެ. ޝަފޫން އޭނާއަށް އަންގާވެސް ނުލާ ބަސީމްއާއި ބައްދަލުކުރަން ދިޔަކަން އެނގި ހިސާބެއްގެ ހިންހަމަނުޖެހުމެއް އޭނާއަށް ވެރިވިނަމަވެސް ޝަފޫންއާ ދިމާލަށް ރުޅިއައިސް އެއްޗެހި ކިޔުމުގެ ވިސްނުމެއް ނެތެވެ. ދީމް ގެ ސަލާމަތައް ޝަފޫން ހަނުހުރީތީ އޭނާއަށް ހިސާބެއްގެ ހިންހަމަޖެހުމެއް ލިބުނެވެ. އޭރުވެސް ރުޅިވެރިކަމުގެ ފަރުދާގެ ފުރަގަހުގައި ދީމްއަށްޓަކައި ކޮންމެވެސް ކަހަލަ ހަމްދަރުދީއެއް އޮތްތާއެވެ. އޭނާ އެތަނުގައި ހުރެފައި ދެން ދިޔައީ ކޮޓަރިއަށެވެ.

ޝަފޫން އެގޭ ހުރިހާ އެންމެންނަށް އެވާހަކަތައް ކިޔައިދޭން ބޭނުންނަމަ ދީމް ޝަފޫންއާއެކު ވާނެކަމަށް ބުންޏެވެ. އަދި އެންމެންގެ މަޢާފު މަންމައަށް ލިބޭނެޔޭ ދީމް ބުންޏެވެ. އެކަމުގައި ޝަފޫންގެ ކުށެއްނެތްކަމާއި އެކަމާ ބެހޭ ގޮތުން ވާހަކަ ނުދެއްކީ މަޖުބޫރު ވުމުންކަމަށް ބުނެ ދީމް ވިސްނައިދިނެވެ. ދީމްގެ އެވާހަކަތަކުން ޝަފޫންއަށް ވެސް ހިސާބެއްގެ ހިންހަމަޖެހުމެއް ލިބިގެން ދިޔައެވެ.

*****

އަނާލް އެމް.އެޗް.ޑީ.ސީގެ އެތެރޭގައި އޭނާގެ ކެބިންގައި މަޑުކޮށްލައިގެން އިންދާ ފޯނަށް މެސެޖެއް އައުމާއެކު ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

"ދިވެހި ރާއްޖޭން އެންމެ އަވަހަށް ތަނަށް އަދާ ހުލިވާނަމަ އެތަނަކަށް ވާނީ އެމް.އެޗް.ޑީސީގެ އިމާރާތް. " މެސެޖް ކިޔާލުމާއެކު އަނާލްގެ މެއަށް ފިނިވެގެން ދިޔައެވެ. އެއާއެކު އޭނާގެ ހަނދާނަށް އައީ އެއްދުވަހު ގަސްތަކުގެ ތެރޭގައި ހުރި މީހާއާއި ފޯނަށް އައި މެސެޖެވެ. އިންޒާރުގެ މެސެޖްތައް ނައިން ނައިސް ހުރެފައި ކުއްލިއަކަށް އަންނަން ފެށުމުން އަނާލްގެ ސިކުނޑި އަނެއްކާވެސް ސުމަކަށް ގޮސްފިއެވެ. އެމީހަކީ އަނާލްގެ ކާމިޔާބީ ހަޖަމު ނުކުރެވިގެން އުޅޭ މީހެއްކަން ޔަޤީން ކުރެވިއްޖެއެވެ. އެހެންނަމަވެސް އެއީ ކާކުހެއްޔެވެ؟ އޭނާ އާއި ޒާތީ ކަމަކާއި އެވަރަށް ހަސަދަ ލާނީ ކާކުހެއްޔެވެ؟ އެކަމުން އަނެއްކާވެސް އިމާރާތުގެ ސެކިއުރިޓީ އަނާލް ވަރުގަދަކުރިއެވެ. ޒައުނާ އައުމުން ޒައުނާއާ ވެސް އެ ވާހަކަ އަނާލް ދެއްކިއެވެ. ކުރިން އިންޒާރުތަކަށް މިފަހަރުގެ އިންޒާރުތައް ވަރުގަދަކަމަށް ދައްކައެވެ. އެންމެފަހުން އެކަން އަނާލް ޕޮލިހަށް އަންގަން ނިންމީއެވެ. އޭނާ މިރޭ ގޭގެ ހުރިހާ އެންމެނާވެސް ވާހަކަދައްކާނެއެވެ. އޮފީހުން ނުކުމެގެން އަނާލްގެ އަށް ދާންވެގެން ބޭރުގައި މަޑުކޮށްލީ ޝާހީން އަންނަން ދެނެވެ. އެހެން ހުރިއިރު ހޫޑީ އަޅައިގެން ހުރި ފިރިހެން މީހާ އަނާލްގެ ލޮލުގައި އަޅައިގަތީ ފުރަގަހަތުންނެވެ. އެ ފިރިހެން މީހާ ހުރީ އިސްޖަހައިގެންކަން ދެނެގަންނަން އޭނާއަކަށް އުދަގުލެއްނުވިއެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ އެމީހާ އާ އަރާހަމަކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް ވުރެ އެ ފިރިހެން މީހާ ފިޔަވަޅުތައް ބާރުކޮށްލައިފިއެވެ. އަވަސް އަވަހަށް ވަރުބަލިވާތީ އޭނާ ފަހަތުން ދުވުން ވެސް އަނާލްއަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން ފުންނޭވާއެއްލަމުން އޭނާގެ ފޮޓޯއެއް ފަހަތުން ނަގާލިއެވެ. އެއަށްފަހު އެ ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ.

ގެއަށްގޮސް ފެންވަރާހަދާލައިގެން އަނާލް އަރާމްކޮށްލަން ޖައްސާލީއެވެ. ޖެހިގެން އައި ދުވަހު އަނާލް އޮފީހަށް ދާންވެގެން ތައްޔާރުވާން ފާހާނާއަށް ވަނީ އޭނާގެ ޓެސްޓް ރިޕޯޓް ސައިޑްކަބަޑް މަތީގައި ބާއްވާފައެވެ. ދީމް ވެސް ގެއަކު ނެތެވެ. އެހެންކަމުން އެހާ ވަރަށް އަޅާނުލެވުނީއެވެ. ފެންވަރައިގެން ނުކުމެ ރީތިވެ ނިމުނު ތަނާ މަޒާޔާ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި ޖިދާ ގޮވާކަމަށް ބުނުމުން އަނާލްވެސް ލަސްނުކޮށް ކޮޓަރިން ނުކުމެ ޖިދާ ގާތަށް ދިޔުމަށް އަވަސްވިއެވެ. މަޒާޔާ ކޮޓަރި ތެރެއަށްވަދެ އެނދުމައްޗަށް ބަލާލިއެވެ. ބާލީސްތައް ރަނގަޅު ކޮށްލުމަށްފަހު ދާން އެނބުރިލިތަނާ އޭނާގެ ލޮލުގައި ހޮސްޕިޓަލުގެ ރިޕޯޓް އަޅައިގަތެވެ. މަޑު ފިޔަވަޅު ތަކެއްގައި ގޮސް އެ ރިޕޯޓް ނަގަމުން އޭނާ އޭގައިވި އެއްޗެއް ބަލާލަން އަވަސްވިއެވެ. އޭނާއަށް އޭގައި އޮތް އެއްޗެއް ރަނގަޅަށް ކިޔުނު ކަމަކަށް ނުވިއެވެ. ދީމް އައި ގޮތަށް އައިސް މަޒާޔާގެ އަތުން އެ ރިޕޯޓް އަތުލިއެވެ. އެއަށްފަހު މަޒާޔާއަށް ބަލާލާ އޭނާގެ ރައްޓެހި ކުއްޖެއްގެ ރިޕޯޓެކޭ ބުނެލިއެވެ. އެހެންނަމަވެސް ދީމްއަށް ނޭނގުނުކަމަކީ އޭގައި އިން އަނާލްގެ ނަން މަޒާޔާއަށް ފެނުނުކަމެވެ. އެހެންނަމަވެސް އެއްވެސް ކަމެއް އެނގުނު ކަމަށް މަޒާޔާ ނުހެދީ އޭނާއަށް އެއީ ކޮން ޓެސްޓެއްކަން ނޭނގޭތީއެވެ.

އެހެންކަމުން ދެމީހުން ގޭގައި ނޫޅޭ ވަގުތެއް ބަލާފައި އެ ރިޕޯޓްގައި އޮތް އެއްޗެއް ބަލަން އޭނާ އަޒުމް ކަނޑައެޅިއެވެ. އަނާލް އައިއިރު އެ ރިޕޯޓް އޮތީ ދީމްއަތުގައެވެ. ލިބުނު ސިހުމާއެކު އޭނާއަށް މަޒާޔާގެ ދެލޮލަށް ބަލާލެވުނީ ހިސާބެއްގެ ޖެހިލުންވުމަކާ އެކުގައެވެ. އަނާލްގެ މޫނުމަތީގައިވި ޖެހިލުންވުން މަޒާޔާއަށް ފާހަގަ ކުރެވުނެވެ. އެކަމުން އެކަނިވެސް އޭގައިވި އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ދެގުނަވިއެވެ. ދީމް ލޮލުން އަނާލްއަށް އިޝާރާތްކޮށްލުމާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އަނާލް އެ ދިމާލަށް އައެވެ. އެއާއެކު މަޒާޔާ އަނާލްގެ ކޮނޑުގައި ޖަހާލާފައި ދިޔުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާލަން އައުމަށް އެދުނެވެ.

އޭނާ ނުކުތުމާއެކު ދީމް އައިސް ދޮރު ލައްޕާލިއެވެ. އެއާއެކު އޭނާ މަޑުކޮށްލީ އެއްފަރާތުގައެވެ. އެ ދެމީހުން ދައްކާ ވާހަކައެއް އަޑުއެހުމުގެ ނިޔަތުގައެވެ.

"ނާލް... ކީއްވެ؟ ދެން ކިހިނެތްވާނީ؟" ދީމްގެ އަޑު އެއްފަހަރު ތަންކޮޅެއް ބާރަށް އިވުނު ނަމަވެސް މާ ރަނގަޅަކަށް ކިޔާ ނުކިޔާއެއް ނޭނގެއެވެ. އެހެންކަމުން އެތަނުގައި މަޑުނުކޮށް މަޒާޔާ ކައްކާ ބަޔާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިތެރެއަށް ވެރިވި ހިމޭންކަމަށް ފަހު ދީމްއަށް އެނދުގައި އިށީނދެވުނެވެ.

"ނާލް... އިޒިއަންގެ؟. ތި ދެމެދު އޮތް ހުރިހާ މައްސަލައެއް ހައްލުވީތަ؟ އެހިސާބަށް ގުޅުން ދިޔައީ؟" ދީމް ސުވާލުކޮށްލިއެވެ. އޭނާ ފަރުވާތެރިކަމާއެކު އަނާލްއަށް ބަލާލިއެވެ. އަނާލްއަށް ކުރެވުނު ހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. އޭނާ ވެސް އައިސް އެނދުގައި އިށީނެވެ. ދީމް ގާތު އެދުނީ އެހަށް އެކަން ސިއްރުކޮށްދިނުމަށެވެ. ދީމް ނިތުގައި އަތް ޖައްސާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. އެއްބަސްވީ އަނާލްގެ ހައްގުގައެވެ.

"ކިހިނެތް ދީމްއަށް އެނގުނީ؟" އަނާލް ސުވާލުކޮށްލިއެވެ.

"ރޭގަ އަނާލް އެއަށް ބަލަން އިންދާ ފެނުނީ. ދެން...ހިތަށް އެރީ ނިދީމަ ބަލާލާނީއޭ." ދީމް ނިކަން ކުރުކޮށް ޖަވާބެއްދިނެވެ.

"ނާލް. ކީއްވެ އެހެން ތި ހަދަނީ؟ މިހާރު އިޒްގެ ދަރިއަކަށް ބަލިވެ. އެކަމަކު އަދިވެސް ތި ދެމެދު ހަމަނުޖެހުން. ދެން ދަރިފުޅަށް ވާނީ ކިހިނެތް؟ ބައްޕަގެ ލޯބިވެސް ބޭނުންވާނެއެއްނު ދަރިފުޅަށް...." ދީމްއަށްބުނެވުނެވެ. އަނާލް އިތުރު އެއްޗެއް ނުބުނުމުން ދީމް ދިޔައީ މި ވަގުތަށް އޭނާ އެކަން ސިއްރުކޮށްދޭނަމޭ ބުނަމުންނެވެ. އެހެންނަމަވެސް އަބަދަކު އެކަން އެގޮތަކަށް ނުވާނެކަމާއި އަވަހަށް ގޮތެއް ނިންމުމަށްވެސް ދީމް ނަސޭހަތް ތެރިވިއެވެ. އިޒިއަންއަށް އެނގުމުގެ ހައްގު އޮންނާނެޔޭ ދީމް ބުންޏެވެ.

ދީމް ދިޔުމުން އަނާލް ގޮސް އަލަމާރި ތެރެއިން އޭނާއާއި އިޒިއަންއާއި ދެމީހުންގެ ފޮޓޯގަނޑެއް ނެގިއެވެ. އެއަށްނަޒަރު ހުއްޓާލައިގެން އިންއިރު އެ ދެމީހުންގެ އެތަކެއް ހަނދާންތަކެއް އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދިޔައެވެ.

އަނާލް ދިޔަތާ މާގިނަ އިރެއްނުވިއެވެ. މަޒާޔާ ގޮސް އެކޮޓަރިއަށްވަދެ އެތަން މިތަން ހާވަން ފެށިއެވެ. އެހެންނަމަވެސް އޭނާއަށް އެ ރިޕޯޓް ފެންނަ ގޮތެއްނުވިއެވެ. ޑްރެސިން ޓޭބަލް ވަތްގަނޑު ހުޅުވާލުމާއެކު އޭނާގެ ލޮލުގައި ސިޓީ އުރައެއް އަޅައިގަތެވެ. އަވަސް ހަރަކާތަކާއެކު އޭނާ އެ ސިޓީ އުރައިގެ އެތެރޭގައި އޮތް އެއްޗެއް ބަލާލިއެވެ. ރިޕޯޓަށް ވުމާއެކު އޭނަ އެ ނަގާ ބަލާލިއެވެ. އެއާއެކު ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ދިޔަހެންނެވެ. ދެލޯ މައްޗަށް ހިސާބަކަށް ފުސްވެ ޑްރެސިންޓޭބަލްގައި އަތް ޖައްސާލެވުނެވެ. އެއާއެކު ބޮލުގައި އަތް އަޅާލެވުނެވެ. ސުވާލު މާރކުތަކަކުން ސިކުނޑި ފުނި ޖެހުނުއިރު ބޮލަށް އެނބުރުން އަރާ ކަހަލަ ގޮތެއްވިއެވެ. އިޒިއަންއާއި އަނާލްއާއި އަދިވެސް ގުޅުން އޮންނަނީހެއްޔެވެ؟ އެހެންވެއްޖެކަމުގައި ވަނީނަމަ މީ އިޒިއަންގެ ދަރިއެއް ހެއްޔެވެ؟ ނޫނީ ގުޅުމެއް ނޯންނަންޏާ އަނާލްގެ ބަނޑުގައި އުފެދެމުން އެ ދަނީ ކާކުގެ ދަރިއެއްހެއްޔެވެ؟ ނޫނެކެވެ. މިހެނެއް ނުވާނެއެވެ. މީ އޮޅުމެކެވެ.

އެހެންނަމަވެސް އަނާލްގެ ލޮލުން އޭނައަށް ފެނުނު އަސަރާއި އެމޫނުމަތިން ފެނުނު ކުލަވަރުތަކުގެ އަލީގައި އެއީ ތެދުކަން އޭނާގެ ސިކުނޑި ވިސްނައިދިނެވެ. ރުޅިވެރިކަން ވެރިވެ މީހާއަށް އެ ގަނޑު ބޮނޑި ކޮށްލެވުނެވެ. އެހެންނަމަވެސް އޭނާ އަދި އެއްޗެއް ބުނާނީ އަނާލްގެ ގާތު އަހާ ޔަޤީން ކޮށްފައެވެ. އެހެންކަމުން ދެން އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަނާލް ގެއަށް އަންނާނޭ އިރަކަށެވެ.

އަނާލް އެ ދުވަހު ގެއަށް އައީ ހަވީރު ފަހެއްޖެހިފަހުންނެވެ. ހިސާބަކަށް ބަނޑުހައިވެފައި ހުރުމުން އޭނާ ފްރިޖް ކައިރިއަށް ގޮސް ފޭރު ޖޫސް ޕެކެޓް ނަގާ ތައްޓަކަށް އަޅާލިއެވެ. އެއަށްފަހު މޭޒު ދޮށުގައި އިށީނދެ ފޯނަށް ބަލާލިއެވެ. އިޒިއަންގެ މެސެޖްތައް ފުލުފުލުގައި އަންނަމުން ދިޔައެވެ. އެހެންނަމަވެސް އެކަމަށް އަޅާނުލާ އަނާލް ފޯން އަނެއްފަރާތައް ޖަހަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

ބަނޑުގައި އުފެދެމުން ދާ ތުއްތު ތުއްތު ފުރާނައާ މެދު އޭނާގެ ވިސްނުން ދޫކޮށްލެވުނެވެ. މިހާރުއްސުރެ ތަފާތު ވިންދެއް އެ ދަރިފުޅާ މެދު އެ ހިތުގައި ހޭލައްވާލައިފިއެވެ. ދެފަރާތަށް ބޯ ހޫރާލީ އެ ހިޔާލުތަކުން މިންޖުވުމަށެވެ. ފޭރު ޖޫސްތަށިން ކޯވަރެއް ދަމާލުމާއެކު އޭނާއަށް އޯކާ ދެމެވުނެވެ. އޭގައި ލީ ނުބައި ރަހައިން އޭނާއަށް ވަގުތުން ފެންތައްޓެއް ދަމާލެވުނެވެ.

"ނާލް" ޖޫސްތަށި ގެންގޮސް ޒިންކަށް އޮއްސާލާފައި އެނބުލިވަގުތު އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި މަޒާޔާ ފެނި އަނާލްއަށް ސިހުން ލިބުނެވެ. މަޒާޔާގެ މޫނުމަތިން އޭނާއަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ފެނުނު ފަދަ އަސަރުތަކެއް ނޫނެވެ.

"މަންމާ" އަނާލް ހަމަޖެހެމުން މަޒާޔާއަށް ގޮވާލިއެވެ.

މަޒާޔާ އައިސް އަނާލްއާއި ދާދި ގާތަށް ހުއްޓި އަތުގައި އޮތް ރިޕޯޓް އަނާލްއަށް ދައްކާލިއެވެ. އެއާއެކު އަނާލްއަށް ހީވީ ވަށައިގެން އޭނާގެ ދުނިޔެ އެނބުރިގަތްހެންނެވެ. ހިތުގެ ތެޅުން ބާރުވުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. ހަމައެއާއެކު އަތުގައި އޮތް ތަށި ވެއްޓި ތެޅިގެން ދިޔަ އަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ.

"މަން... މަންމާ" އަމިއްލަ ގޭން ވައްކަން ކޮށްގެން އުޅޭ މީހަކު ފަދައިން ސިހުނު އަނާލްއަށް ވާހަކަވެސް ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.

(ނުނިމޭ...)

https://sun.mv/120134

comment ކޮމެންޓް