ތަރައްގީގެ މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ބާއްވާ ފޯރަމް މާދަމާ

ޕާޓްނާޝިޕް ފޯރަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ތަރައްގީގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ބާޢްވާ ފޯރަމް މާދަމާ ފަށާނެއެވެ.

މާދަމާ އަދި އޭގެ އަނެއް ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އަކީ ފޮރިން މިނިސްޓްރީ އާއި ފައިނޭންސް މިނިސްޓްރީ ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމަކީ ސަރުކާރާއި، އެކި ގައުމުތަކާއި ބައިނަލް އަގުވާމީ ޖަމްއިއްޔާތަކާއެކު ތަރައްގީގެ މަޝްވަރާތައް ކުރުމަށް ބާޢްވާ ބައްދަލުުވުމެކެވެ.

މި ފޯރަމް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު އޮތް ގުޅުން އޮތީ ހީނަރުވެފައި ކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވެ، ކުރަން ފެށި މަސައްކަތާއެކު ބައިނަލް އަގުވާމީ ގައުމުތަކާއި ޖަމްއިއްޔާ ތަކާއެކު އޮންނަ ގުޅުން ބަދަހިވަން ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގައި ބައިނަލްއަގުވާމީ މުޖުތަމައު ބައިވެރިވާ ނިސްބަތް އިތުރުކުރުން. ރާއްޖެ އަށްބައިނަލް އަގުވާމީ މުޖުތަމައުގައި އޮތް އިތުބާރު އިތުރު ކުރުން، އަލުން އެ އިތުބާރު އާލާ ކުރުން،" މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ބޭއްވޭ ހަތަރުވަނަ ޕާޓްނާޝިޕް ފޯރަމުގައި ބޭރުގެ 60 ވަފުދަކުން ބައިވެރިވާނެ ކަމަށެވެ.

މި ވަފުދުގައި 35 ގައުމެއްގެ ވަފުދުތައް އަދި ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން 27 ވަފުދެއް ބައިވެރިވާނެ އެވެ.

މި ސަރުކާރުގެ ޖަޒީރާ ރާއްޖެ އެޖެންޑާގެ ދަށުން ކުރަން ހުރި މަސައްކަތްތައް ފޯރަމުގެ ތެރެއިންް ހިއްސާ ކުރާނެއެވެ.

"ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރުގެ ދަށުން ބާއްވާ ހަތަރުވަނަ އިންވެސްޓުމެންޓު ފޯރަމުގައި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ތަރައްގީގެ ޕްލޭނުތައް ހިއްސާ ކުރާނެއެވެ.

"މި ފޯރަމުގެ ތެރެއިން ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔެއާއެކު ބިނާކުރެވެނި ގޮތެއްގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ހާމަވެގެންދާނެ. މި ފޯރަމަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއެކު ސަރުކާރުގެ ތަރައްގީގެ ޕްލޭން އަދި ވިސްނުން ހުރިގޮތް ހިއްސާކޮށް މިހާރު އުނިވެފައިވާ ކަންތައްތަކާމެދު މަޝްވަރާކުރުމަސް ލިބޭ ފުރުސަތެއް،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފޯރަމުގެ ތެރެއިން ތަރައްގީގެ އެޖެންޑާ ހާސިލު ކުރުމަށް ދިގު މުއްދަތުގެ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގިގެ ސިޔާސަތުތައް، ތަރައްގީގެ ބައިވެރިންނާ ހިއްސާކުރުމުން، މިއީ ދެމިގެންދާނެ ގޮތަކަށް އުފެދޭ ޕާޓްނާޝިޕެއް،" އިންވެސްޓުމެންޓުގެ ދާއިރާ އާއި އިގްތިސޯދީ ދާއިރާ އަދި އިޖުތިމާއީ ތަރައްގީގެ ދާއިރާ އިން ރާއްޖެއަށް އޮތް އިތުބާރު ބަދަހިވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މާދަމާ ފަށާ ފޯރަމް އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ފޯރަމްގެ މޮޑަރޭޓަރުންގެ ގޮތުގައި ކެބިނެޓުގެ މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރެއްގެ އިތުރުން، ސާބިއާގެ ލޭބާ މިނިސްޓަރު، އޫއޭއީގެ އެސިސްޓެންޓު މިނިސްޓަރު، އދ،ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއި އެކި ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ފޯރަމުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއިން ގުޅުން ގާއިމްކޮށްފައިވާ ހުރިހާ ގައުމަކަށް އެރުވި ކަމަސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް