ސަސްޕެންޑް ކުރި ފަނޑިޔާރު ދީދީ މަސައްކަތަށް ނުކުންނަވައިފި

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖޭއެސްސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ކުރި ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވާކަން ހާމަވެއްޖެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގަ އެވެ. އެއީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެކެވެ.

ދީދީ ސަސްޕެންޑު ކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

އެ އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކުރަން ޖޭއެސްސީއިން އޮތީ ނިންމާފައެވެ. އެފަހުން ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ތަންފީޒު ކުރާނެތޯ އޮތީ ސުވާލު އުފެދިފައެވެ.

އެގޮތަށް ސުވާލު އުފެދިފައި ވަނިކޮށް، މާދަމާއަށް ފަނޑިޔާރު ދީދީ ބަލާ މައްސަލައެއް ވަނީ ސުޕްރީމްކޯޓުގައި ތާވަލުކޮށްފައެވެ. އެހެންކަމުން، އޭނާ އަދިވެސް މަސައްކަތަށް ނުކުންނަވާކަން ވަނީ ހާމަވެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ދީދީއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިކަން "ސަން" އަށް ވަނީ އެނގިފައެވެ.

އަބްދުﷲ ދީދީ އޭރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ. އޭނާ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެފައިސާ އަކީ އެ ހުކުމާ ގުޅިގެން ނެންގެވި ރިޝްވަތެކެވެ.

comment ކޮމެންޓް