ސާއިދަށް ކިޑްނީއެއް ދޭނެ މީހެއް ލިބި، ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް

ޕީއެސްއެމްގެ ނޫސްވެރިޔާ ސާއިދު --- ފޮޓޯ/ މީސް މީޑިއާ

ޕީއެސްއެމްގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫސްވެރިޔާ، ސާއިދު އަހުމަދުގެ ހަޔާތަށް ބޮޑު ރާޅެއް ބިންދާލައި، އެކީހެން އެ ހަޔާތް އޮޔާ ދިޔައީ މީގެ އަހަރެއްހާ ދުވަސްކުރިން އެވެ. ސިއްހީ މައްސަލަތަކަކާ ގުޅިގެން ޑޮކްޓަރު ދެއްކުމުން އޭނާއަށް ޑޮކްޓަރުން ދިން ހައިރާންވި ހަބަރަކީ، އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެ، އިންތިހާއަށް ބަލިމީހަކަށް އޭނާ ބަދަލުވީ ކަމެވެ. އެކަމަކު ސާއިދު އެއްފަހަރު ވެސް ހިތްވަރު ދޫކޮށްނުލަ އެވެ.

ކުދިކުދިވި ހަޔާތް ކުރިން އޮތް ހާލަތަށް ބަދަލު ކުރަން އޭނާ ނިކުތް މަސައްކަތުގައި އޮތީ އެންމެ ފަރުވާއެކެވެ. އެއީ، ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ހޯދައި އޭނާގެ ކުދިކުދި ވެފައިވާ ކިޑްނީ އާ ކިޑްނީއަކަށް ބަދަލު ކުރުމެވެ. އެކަމަށް އޭނާ ސަލާން ޖަހަމުން ދަނިކޮށް މި ވަނީ ކުޑަ ނަމަވެސް އުންމީދެއް އާވެފަ އެވެ. އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު މި ވަނީ ލިބިފަ އެވެ.

"މިއަދު މިިހާރު ޑޯނަރެއް ލިބި އެކަން ޔަގީން ވެއްޖެ. މިހާރު ބަލަމުންދަނީ ދެ ގައުމަކުން ކިޑްނީ ބަދަލުކުރުމަށް ދާން. އަދި ނުނިންމަން ވަކި ގައުމެއް،" މީގެ ކުރިން ސަން އެފްއެމް އާއި ޓީވީގައި ވެސް ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާއިދު ބުންޏެވެ.

ކިޑްނީ ޑޯނަރެއް ލިބުމާއެކު އޭނާގެ ޝުއޫރުތައް ވެސް މި ވަނީ ޝުކުރުން ބަންޑުންވެފަ އެވެ.

"ބަރަކާތުން އަޅުގަނޑު މިއަދު ދަތުރު މި ފަށަނީ ކުރަމިތިވެދާނެ ހުރަހަކަށް ބެލުމެއް ނެތި އުންމީދުން ފުރިގެންވާ ހާލުގައި. ﷲ އިރާދަފުޅާ އެކު ކާމިޔާބުވުން އޮތީ މާދުރަކު ނޫން. އަޙާގެ ތި އިހުސާންތެރިކަމުގެ އަގު ވަޒަން ކުރާނީ ކިހިނަކުންތޯ؟ މިކަމުގައި ރަހުމަތްތެރިން ވެދެއްވާ އެހީތެރިކަމަށް ނިހާޔަތަށް ޝުކުރުވެރި ވަމެވެ،" ސާއިދަށް މިއަދު ލިބުނު ބޮޑު އުފާވެރިކަން އޭނާ ފާޅުކުރި އެވެ.

ސާއިދު ބުނާ ގޮތުން އޭނާއަށް ކިޑްނީއެއް ދޭން އެއްބަސްވީ އާއިލާގެ މީހެއް ނޫނެވެ. އަދި އެއީ ރަހުމަތްތެރިއެއް ވެސް ނޫނެވެ. އެކަމަކު ދުރުހިލޭ މީހެކެވެ. ސާއިދު ހުރީ މި ކުޑަކުޑަ ހިތްހަމަ ޖެހުމާ އެކު، އުފަލުން އެވެ. އޭނާގެ ކުދިކުދިވެފައިވާ ހަޔާތް ކޮޅަށް ނެގޭނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް ލިބުނީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު