ޒަހްރާން ހާޝިމް ސިރިސޭނާއަށް ކެމްޕެއިންކޮށްދިން: ކުރީގެ ގަވަރުުނަރު

ލަންކާގައި ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމް (މ) ގައުމުގެ ރައީސަށް ކެމްޕެއިންކޮށްދިން ކަމަށް އޮފިޝަަލަކު ވިދާޅުވި -- ފޮޓޯ: އަމާގް

ކޮލަމްބޯ (ޖޫން 16): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ކެމްޕެއިންކޮށްދިން ކަމަށް ކުރީގެ ގަވަރުނަރަކު ވިދާޅުވެއްޖެ އެވެ.

ލަންކާގެ އީސްޓާން ޕްރޮވިންސުގެ ކުރީގެ ގަވަރުނަރު އެމްއެލްއޭއެމް ހިޒްބުﷲ ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ސިރިސޭނާގެ ކެމްޕެއިނުގައި ހާޝިމް ބައިވެރިވި އެވެ.

"އޭރު އަހަރެން ކެމްޕެއިންކޮށްދިނީ މަހިންދަ ރާޖަޕަކްސައަށް. އަދި ޒަހްރާން ތާއިދުކޮށް، ކެމްޕެއިންކޮށްދިނީ ސިރިސޭނާއަށް،" ހިޒްބުﷲ ވިދާޅުވި އެވެ.

ޒަހްރާން ހާޝިމްއާ އެއް އަވަށެއްގައި ދިރިއުޅެމުން އައި ހިޒްބުﷲ ގަވަރުނަރުގެ މަގާމަށް އިސް ކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އަދި އޭނާ މީގެ ދެ ހަފްތާ ކުރިން އިސްތިއުފާ ދެއްވީ، އޭޕްރިލް މަހު ދިން ހަމަލާތަކާ އޭނާއަށް ގުޅުމެއްވާ ކަމަށް ބުނެ، ލަންކާގެ ހާމުދުރަކު އޭނާގެ އިސްތިއުފާއަށް ގޮވާލަމުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުންނެވެ.

ހިޒްބުﷲ އެފަދައިން ވިދާޅުވީ އޭޕްރިލް މަހު ހަމަލާތައް ދިނުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި މައްސަލަ ބަލަމުންދާ ޕާލިމެންޓަރީ ސެލެކްޓު ކޮމިޓީ (ޕީއެސްސީ)ގައި ވާހަކަ ދައްކަވަމުންނެވެ. އަދި އޭނާއާ ހާޝިމްއާ ބައްދަލުވެފައިވޭތޯ ސުވާލު ކުރުމުން ހިޒްބުﷲ ވަނީ ގިނަ އަދަދެއްގެ އެހެން ސިޔާސީ ފަރާތްތަކާ އެއްގޮތަށް އޭނާއާ ވެސް ހާޝިމްއާ ބައްދަލުވެފައިވާ ކަމަށެވެ.

އެގޮތުން އެމީހުން ދިރިއުޅުނު އަވަށުގައި ހާޝިމަށް ތާއިދު ކުރާ 2،000އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އެހެންކަމުން އޭނާއާ ގުޅުން ބޭއްވުމަކީ ސިޔާސީ ފަރާތްތަކަށް މުހިއްމުވި ކަމެއް ކަމަށް ހިޒްބުﷲ ވިދާޅުވި އެވެ.

"ޒަހްރާން ހާޝިމްއަކީ މިހާރު ޓެރަރިސްޓެއް ނަމަވެސް 2017އާ ޖެހެންދެން [ސިޔާސީ ލީޑަރުން] އޭނާ ދެކެމުން އައީ ގިނަ އަދަދެއްގެ މުސްލިމް ޒުވާނުންގެ ސަމާލުކަން ހޯދަމުން އައި ދީނީ ލީޑަރެއްގެ ގޮތުގަ. އޭގެ ފަހުން އޭނާ އައިއެސްއާ ނުވަތަ އެހެން ގުރޫޕަކާ ގުޅުނު ކަމަށް ބެލެވެނީ،" ހިޒްބުﷲ ވިދާޅުވި އެވެ.

އަދި ހާޝިމްގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތޯ ބެލުމުން ހިޒްބުﷲ ބުނި ގޮތުގައި ހާޝިމްއާ ޓެރަރިޒަމާ ގުޅުމެއްވާކަން އޭރު ނޭނގޭތީ އެފަދަ މައްސަލައެއް އޭނާ ހުށަނާޅަ އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ބެއްލެވުމުގެ ދަށުން އުފައްދާފައިވާ ޕީއެސްސީގައި ގައުމުގެ އިސް އޮފިޝަލުން ވާހަކަ ދެއްކެވުމާ ދެކޮޅަށް ސިރިސޭނާ ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެކޮމިޓީގެ ބައްދަލުވުންތައް މީޑިއާއިން ދެއްކުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި ކޮމިޓީގެ ސަބަބުން ކޯޓުން ބަލަމުންދާ މައްސަލަތަކަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޕީއެސްސީން ވަނީ އެއީ ޕާލިމެންޓުގެ ކޮމިޓީއެއް ކަމަށާއި އެހެންކަމުން ސަރުކާރުން އެކޮމިޓީއަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް