ފިނޭންސުން ޕީޕީއެމްއަށް 9.2 މިލިއަން ރުފިޔާ ޖަމާކޮށްދީފި

ޕީޕީއެމްގެ އޮފީސް. -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިއަހަރުގެ ބަޖެޓުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ އެ ޕާޓީއަށް ފިނޭންސް މިނިސްޓްރީ އިން އެކީ ޖަމާކޮށްދީފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް 9.2 މިލިއަން ރުފިޔާ އެ ޕާޓީއަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށް ދީނީ އިލެކްޝަންސްއިން އެކަމަށް ރިކުއެސްޓް ކުރިތާ މަސައްކަތު ތިން ދުވަހުގެ ތެރޭގައި ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އެންމެ ފުރަތަމަ ވެސް މޭ މަހުގެ 16 ވަނަ ދުވަހު އީސީއިން ފައިސާ ދޫކޮށްދޭން އެދުނު ޕާޓީތަކުގެ ތެރޭގައި ޕީޕީއެމް ނުހިމެނެ އެވެ. އެކަމަކު ނަމަވެސް އީސީއިން ފަހުން ވަނީ ޕީޕީއެމްއަށް ފައިސާ ޖަމާކޮށް ދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ސިޔަސީ ޕާޓީތަކުގެ ތެރެއިން މިއަހަރު ބަޖެޓް ފާސް ކުރި އިރު، 10،000 މީހުން ހަމަވެފައި ވަނީ ހަތަރު ސިޔާސީ ޕާޓީ އަކަށެވެ.

އެ އަދަދު ހަމަވެގެން ޕީޕީއެމްގެ އިތުރުން ދެން ފައިސާ ދޫކުރަނީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް 12.7 މިލިއަން، ޖުމްހޫރީ ޕާޓީ އަށް 2.05 މިލިއަން އަދި އެމްޑީއޭ އަށް 2.03 މިލިއަން ރުފިޔާ އެވެ.

ހަތަރު ސިޔާސީ ޕާޓީއަށް 26.2 މިލިއަން ރުފިޔާ ދައުލަތުން ދޭން މިއަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

comment ކޮމެންޓް