ހައިވޭ ޑިވައިޑަރުތައް ކޮންކްރީޓުން ހަދަނީ

އެކްސިޑެންޓެއް ގައި ބްރިޖު ހައިވޭގެ ޑިވައިޑަރު ފުނޑުފުނޑުވެފައި -- ފޮޓޯ: ޕޮލިސް

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ މެދުގައި ހެދެން ފަށާފައިވާ ވިނަތައް ސާފުކޮށް ޑިވައިޑަރުތައް ކޮންކްރީޓުން ހެދުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި އެވެ.

ވިނަތައް ސާފުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށާފައިވަނީ ހައިވޭގެ މެދުގައި އޮންނަ ވެލި ގަނޑުގައި ވިނަތައް ހެދި ތާރުގަނޑު މައްޗަށް ވިނަ ގަނޑު ފެތުރެން ފަށާފައި ވަނިކޮށެވެ.

ބްރިޖުން ދަތުރުކޮށްފައި ގޮސް ހުޅުމާލެ އަށް އަރާ މަގުގެ މެދުގައި އޮންނަ ވެލިގަނޑުގައިވެސް ވިނަ ހެދި މަގުމައްޗަށް ދަނީ ފެތުރެމުންނެވެ.

އެކަމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް މިއަދު "ސަން" އަށް ވިދާޅުވީ ހައިވޭގައި ވިނަ ހެދި ތާރު ގަނޑަށް ފެތުރޭކަން ފާހަގަ ވެފައިވާ ކަމަށާއި އެތަން ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެކަން އިއްޔެ ފަހަގަވެގެން މިހާރު ސާފު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ސުހައިލް ވިދާޅުވީ ހުޅުމާލެ އަށް އަރާ މަގުގައި އޮންނަ ވިނަގަނޑުވެސް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ހައިވޭގައި ހިނގާ އެކްއސިޑެންޓުތަކުގައި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑުވަމުންދާއިރު ސުހައިލް ވިދާޅުވީ މިހާރަށްވުރެ ވަރުގަދަކޮށް ރޯޑް ޑިވައިޑަރުތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފުލުހުންނާވެސް މަޝްވަރާކޮށްފައި މިހާރު ނިންމީ މިހާރު ހުރި ސިސްޓަމަށް ނުގޮސް، ކޮންކްރީޓް ކަހަލަ އެއްޗަކުން ޑިވައިޑަރުތައް ހަދަން. މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ފަށާނެ،" ސުހައިލް ވިދާޅުވީ ކޮންކްރީޓް ބްލޮކުތައް ހަދައި ލިންކް ރޯޑުގައި ހަރުކުރަން ދުވަސް ނަގާނެ ކަމަށެވެ.

ބްރިޖާ ގުޅިފައިވާ ހައިވޭގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިން އިންނެވެ. އެ މަސައްކަތަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކުރިއެވެ.

comment ކޮމެންޓް