ޣައްސާނު މިނިވަން ކުރުމުން މުޒާހަރާގައި ހައްޔަރު ކުރި އަނެއް ދެ މީހުން ވެސް ދޫކޮށްލައިފި

މ. އެންދެރިމާގެ ކައިރި އަށް ބުރާސްފަތި ދުވަހު އެމްޑީޕީން އެއްވެ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ރޭ ނިންމުމުން ބުރާސްފަތި ދުވަހު ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެމްޑީޕީގެ ދެ އެކްޓިވިސްޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެންދެރިމާގެ ކައިރިއަށް އެއްވެ ތަކެއްޗަށް ގެއްލުންދީ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުން ހައްޔަރު ކުރި ދެ މީހުންގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. ނަމަވެސް ރޭ ކްރިމިނަލް ކޯޓުން ޣައްސާން ދޫކޮށްލަން ނިންމުމާ ގުޅިގެން އެ ދެ މީހުންވެސް ފުލުހުންގެ ހައްޔަރުން ދޫކޮށްފައިވާ ކަމަށެވެ.

ފުލުހުން ޣައްސާނު ހައްޔަރު ކޮށްފައިވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާގެ ދަށުން ނެވެ. އެމާއްދާގައި ބުނަނީ އެ މީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަތުރުތެއް ކަނޑައެޅިދާނެ ކަމަށެވެ.
ޣައްސާންގެ ބަންދާ މެދު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސޮއި ކުރައްވާ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު ޣައްސާން ހައްޔަރު ކޮށްފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.

ރޭ އޮތް ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ ގިނަ މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާ ހަވާލާދީ ކަމަށާއި އެގޮތަށް ނިންމައިފިނަމަ ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބި އެންމެން ހައްޔަރުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި މި ވަގުތު ތިބި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިތައް ކުރި ކަމުގެ ތުހުމަތުގަ ހައްޔަރު ކޮށްފައިވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތާއި މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި މީހުން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ރޭ ނިންމި ނިންމުމާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބި ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށްތޯ ނުވަތަ ނޫންތޯ ދިރާސާ ކުރުމަށްފަހު އެ މީހުންނާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު