ހައިވޭގައި ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓު -- ފޮޓޯ: އެމްވީ ކްރައިސިސް

މާލެ-ހުޅުމާލެ ހައިވޭގައި ޕިކަޕެއްގެ ކުރީ ދެފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގައިފި އެވެ.

ފުލުހުން ބުނީ ރޭ 2:14 ހާއިރު ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފެޅި ކޮންޓްރޯލު ނުވެ، އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހައިވޭގެ މެދުން ޖަހާފައިވާ ފެންސު (ރޯޑް ޑިވައިޑަރު) ގައި ޖެހި ޑިވައިޑަރުތައް ވަނީ ހަލާކުވެފަ އެވެ. މި އެކްސިޑެންޓުގައި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑުވުމުގެ އިތުރަށް ޕިކަޕުގެ ކުރީކޮޅަށް ވެސް ގެއްލުންވެފައިވެ އެވެ.

ފުރޮޅު ފަޅައިގެންގޮސް ޕިކަޕުގެ ކޮންޓްރޯލު ގެއްލި، މަގުގެ އަނެއްފަރާތުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކަޕުން ޖެހި ބަހުގެ ކައިރި ވަނީ ކޮންމެވެސް ވަރަކަށް ބަނޑިވެފަ އެވެ.

އެކްސިޑެންޓު ހިނގި އިރު ޕިކަޕު ދުއްވަން އިން މީހާ އަތުގައި ލައިސެންސް އޮތް ކަމަށާއި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސް ވަނީ އެކްސިޑެންޓެއްވެފަ އެވެ.

comment ކޮމެންޓް