ހާހެއްހާ ވެހިކަލްގައި ސްޓިކާ ޖަހައި ބައި މިލިއަނެއްހާ ރުފިޔާ ހޯދައިފި

ޖެނުއަރީ 14، 2018 -- ފުލުހުހަކު މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ. -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓްރެފިކް ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކޮށްގެން މިދިޔަ ހަފްތާގެ ތެރޭގައި ހާހެއްހާ ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޓްރެފިކް ފުުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ފާއިތުވި ހަފްތާގައި މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަާށް ޕާކްކުރި، 978 ވެހިކަލްގައި ސްޓިކާ ޖަހަން ޖެހުނެވެ.

ސްޓިކާގެ ޖޫރިމަނާ ފައިސާ:

- ފުރަތަމަ ފަހަރަށް: 250 ރުފިޔާ

- ދެވަނަ ފަހަރަށް: 500 ރުފިޔާ

- ތިން ވަނަ ފަހަރަށް: 750 ރުފިޔާ

އެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 978 އުޅަނދެއްގައި ސްޓިކާ ޖެހިއިރު، 500 ގެ ރޭޓުން ބަލާ ނަމަ އެއީ ޖޫރިމަނާގެ ގޮތުގައި ހަފްތާއެއްގެ ތެރޭ ބައި މިލިއަނެއްހާ ރުފިޔާ އެވެ. އެ ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގަތީ، ޕާކިން މައްސަލައަށް ހައްލެއް ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށެވެ. އެ ވައުދާ އެއްގޮތަށް މިއަހަރު ފެށުނު އިރު ސްޓިކާ ޖެހުން ހުއްޓާލި އެވެ. ނަމަވެސް ހަމައެއްލަމައެއް ނެތި ޕާކްކުރަން ފެށުމުން، ފެބުރުއަރީ މަހުގެ ފަހުކޮޅު އަލުން ސްޓިކާ ޖަހަން ފެށި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހަދަމުން އެވެ.

ޓްރެފިކް ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ހަފްތާ ފުލުހުން ވަނީ މާލޭ ސަރަހައްދުގެ 486 އުޅަނދެއް ޗެކް ކޮށްފަ އެވެ. މި އުޅަނދުތައް ދުއްވި މީހުންގެ ތެރެއިން 84 މީހުން ދުއްވާފައިވަނީ ލައިސެންސް އޮތް ނަމަވެސް އުޅަނދު ދުއްވި ވަގުތު އަތުގައި ލައިސަންސް ނެތި އެވެ. އަދި ލައިސެންސް ނުނަގާ 143 މީހަކު ވެހިކަލް ދުއްވާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 56 ވެހިކަލެއް ފުލުހުން ހުއްޓުވި އެވެ. ޓްރެފިކް ލައިޓަށް ސަމާލުކަން ނުދީ ދުއްވި 11 ވެހިކަލަކާއި 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި ދެ މައްސަލަ އެއް ވެސް މިދިޔަ ހަފްތާ ފާހަގަވި އެވެ.

އެ މުއްދަތުގައި ހެލްމެޓު އަޅަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި ތިން މައްސަލައަކާއި ފޯނުގައި އިނދެގެން ނުވަތަ ހެޑްސެޓު އަޅައިގެން ދުއްވި 18 މައްސަލައެއްވެސް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 31 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ. އޭގެ ތެރެއިން މީހަކަށް އަނިޔާވީ އެއް އެކްސިޑެންޓުގަ އެވެ.

comment ކޮމެންޓް