ފުލައިޓުތެރޭގައި ބިދޭސީއަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ފުލައިޓު ގޮނޑި ދޭތެރެއިން ބިދޭސީ މީހާ ޖިންސީ ފުރައްސާރަ ކުރަނީ -- ފޮޓޯ/ ވީޑިއޯ ސްކރީން ޝޮޓް

ފުލައިޓްތެރޭގައި ބިދޭސީއަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިއްޔެ މާލެ އިން އައްޑޫ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަން ފުލައިޓުގައި އަންހެން މީހާގެ ކުރިމާތީ ސީޓުގައި އިން ބިދޭސީ މީހާ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރާ ވީޑީއޯއެއް އޭނާ ވަނީ، ޝޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ފުލުހުން މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ، އިއްޔެ 9:30 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އިއްޔެ ފުލައިޓުގައި ބިދޭސައަކު އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އެ މުއަސަސާއަށް ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އަންހެން މީހާ ޝޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮޮތުގައި ބިދޭސީ މީހާ އަންހެން މީހާގެ ކުރިމާޓިގައި އިން ގޮނޑީގެ ދޭތެރެއިން ފަހަތަށް އެނބުރި އިނގިލިންނާއި ދުލުން ހަޑި ހުތުރު ވައްތަރު ޖައްސައި ހަދާ މަންޒަރު ފެނެއެވެ. އެވެ. އަދި ބިދޭސީ މީހާގެ ފޯނުން، އޮރިޔާން މަންޒަރު ކަމަށް ބެލެވޭ ފޮޓޯތަކެއް އަންހެން މީހާއަށް ދައްކަ އެވެ.

އަންހެން މީހާ ވީޑިއޯއާއެކު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ބޯޓު މާލޭ އިންޓަނޭޝަންލް އެއާޕޯޓުން ފުރައިގެން އައްޑޫ އެއާޕޯޓުގައި ޖައްސަންދެން، އެ މީހާ އަންހެން މީހާ އަށް ޖިންސީ ފުރައްސާރަ ކުރައްސާރަ ކުރަމުން ގެންދިޔަ ކަމަށެވެ.

"ހުއްޓުމެއް ނެތި ފަހަތަށް އެނބުރި، އޭނާގެ އަތުގެ އިގިލިން ފާޑެއްގެ ހަޑިވައްތަރުތަކެއް ޖެއްސި. އެ މީހާގެ ދަބަހުން ބްރާ އެއް ނަގައި އޭތި ދެއްކި. އަހަރުން އޭނާގެ ސީޓުގައި ޖެހުމަށްފަހު، ހާދަ ގޮތް ކުޑަ ލަދެއް ނެތް މީހެކޭ ބުނިން. ނަމަވެސް އޭނާ ް ހުއްޓާނުލާ ފުރައްސާރަ ކުރާތީ، ވީޑިއޯ ކުރަން ފެށީ،" އަންހެން މީހާ ފޭސްބުކް ގައި ކުރި ޕޯސްޓްގައި ލިޔުނެއެވެ.

އަންހެން މީހާ ބުނި ގޮތުގައި، އެކަން ކުރީ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. މިކަމާ ގުޅިގެން ޔުނިވާސިޓީގެ ބަހެއް އަދި ނުލިބެއެވެ.

ބޯޓު އައްޑޫ އެއާޕޯޓުގައި ޖެއްސުމާއެކު އަންހެން މީހާ އެކަން ފުލައިޓުގެ ކްރޫއިންގެ ސަމާލުކަމަށް ގެނެއި ކަމަށް އޭނާ ބުންޏެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އަންހެން މީހާ ބުންޏެވެ.

ފަހަކަށް އައިސް އަންހެނުނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާތެރޭވެސް މާލެއިން ދިވެހި ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް