ފަނޑިޔާރު ދީދީގެ މައްސަލަ ނަޝީދު ހުށަހެޅީ ޒާތީ ހަސަދައެއް ފިލުވަން: ޕީޕީއެމް

މަޖލީހުގެ ރައީސް، ރައީސް ނަޝީދު: އެމަނިކުފާނު ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ، ދާތީ ހަސަދައެއް ކަމަށް ޕީޕީއެމް އިން ބުނޭ -- ސަން ފައިލް ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ޒާތީ ހަސަދައެއް ފިލުވާލުމަށް ހުށަހެޅި މައްސަލައެއް ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ބުނެފިއެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ، ކުރީގެ ރައީސް ނަޝީދު މިދިޔަ އާދިއްތަ ދުވަހު ވަނީ ދީދީއާ ގުޅޭ ރިޝްވަތުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާފައެވެ. އެ މައްސަލައަކީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު އެ ޝަރީއަތުގެ ބެންޗުގައި އޭރު އިންނެވި ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ މެލޭޝިއާގެ ބޭންކް އެކައުންޓަކަށް ރިޝްވަރުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ވަތް މައްސަލައެކެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ވަނީ އެ މައްސލަަ ބަލާ ނިމެންދެން ދީދީ ސަސްޕެންޑްކުރުމަށް ނިންމާފައެވެ. ނަމަވެސް ދީދީ އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލަންދެން ޖޭއެސްސީގެ ނިންމުން ތަންފީޒު ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ނަމަވެސް ޖޭއެސްސީން ނިންމާފައިވަނީ އަމުރު ގަބޫލުނުކުރުމަށާއި ދީދީގެ ސަސްޕެންޝަން އަދިވެސް ދެމިއޮތް ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ހަލާކުވާ ގޮތަށް އެމްޑީޕީން އިސްވެ އޮވެ، ރައީސް ނަޝީދާއި ޖޭއެސްސީން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/120356

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ގާނޫނު އަސާސީން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަކީ، ސުޕްރީމް ކޯޓަށް ވީއިރު، ގާނޫނީ ހަމަތަކުގެ މަތި، ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

"ވީމާ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ޖޭއެސްސީން އަޅާފައިވާ ފިޔަވަޅަކާ މެދު އޭނާ [ފަނޑިޔާރު އަބްދުﷲ ދީދީ] ހިތްހަމަ ނުޖެހިގެން، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި، އެ ކޯޓުން ނެރުއްވައިފައިވާ އަމުރަކީ، މަޖިލީހާއި ޖޭއެސްސީ އަދި ދިވެހި ދައުލަތުން ތަބާވާން ޖެހޭ އަމުރެއް،" ކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެމްޑީޕީއަށް މަޖިލީހުގައި ބޮޑު އަގުލައްބިއްޔަތެއް ލިބިފައިވާއިރު، ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ވަކި ފަރުދަކަށް އަމާޒުކުމުގެ ބަދަލުގައި ދުސްތޫރީ އޮނިގަނޑު ބޭނުކޮށްގެން، ހެޔޮނިޔަތުގައި ދައުލަތުގެ މުއަސަސާތަކާއެކު މަސައްކަތް ކުރުމަށް ޕީޕީއެމްގެ ފަރާތުން އެމްޑީޕީއަށް ގޮވާލާކަމަށް ބަޔާނުގައި ބުންޏެވެ.

https://sun.mv/120366

"މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް މަޖިލީހުގެ ރައީސް [ނަޝީދު] ހުށަހަޅުއްވާފައިވަާ މައްސަލައަކީ، އެމްޑީޕީއަށް ބާރު ލިބުނު ދުވަހު ޒާތީ ހަސަދައެެއް ފިލުވާލުމަށް، ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މި ޕާޓީން ދެކޭ،" ކަމަށް އެޕާޓީން ނެރުނު ދެ ސަފްހާގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިކަން މިގޮތަށް ހިނގަމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނު ހުންނެވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ވެރިޔަށް ވީހިނދު، ރައީސް ސޯލިހު ދައުލަތުގެ އެންމެ މަތީ މަސްލަހަތު އިސްކުރައްވައި، ގާނޫނީ ވާޖިބު އަދާކޮށް، ގާނޫނު އަސާސީ ނަގަހެއްޓުމަށް އިސްނަންގަވައި ލީޑާޝީޕް ދެއްކުމަށް ޕީޕީއެމް އިން ވަނީ ރައީސް ސޯލިހަށް ގޮވާލާފައެވެ.

https://sun.mv/119911

ބަޔާނުގައި ބުނީ، ރައީސް ނަޝީދުގެ ސަރުކާރުގައި އޭރު ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުން ބޭރުން ކަންތައް ކުރި ގޮތަށް މިހާރު ފެންނަ ފަށައިފައިވާ އަމަލުތަކަކީ އެފަދަ ގާނޫން ބޭރުން ކުރަމުންދާ އަމަލުތަކެއް ކަމަށެވެ. މި ކަމުގައި އެހެން ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ބަސްބުނުމަށް ޕީޕީއެމުން ގޮވާލިއެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލަ ދޮގު ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މީގެ ކުރިން ވަނީ ހައްގު ނޫން އެއްވެސް ފައިސާއެއް އޭނާއަށް ނުވަތަ އޭނާއާ ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށް ވިދާޅުވެފައެވެ.

ދީދީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އޭނާގެ މައްސަލަ ނަޝީދު ޖޭއެސްސީއަށް ހުށަހެޅީ ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެއެވެ.

https://sun.mv/119939

comment ކޮމެންޓް