ޕާޓްނަޝިޕް ފޯރަމަށް ބޭރުގެ ވަފުދުތައް އަންނަން ފަށައިފި

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި ބައިވެރިވުމަށް ބޭރުން އައި މަންދޫބުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީ ހޯދުމަށްޓަކައި ބާއްވާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި ބައިވެރިވާ ބޭރުގެ ވަފުދުތައް ރާއްޖެ އަންނަން ފަށައިފިއެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2009 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަންނަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ފަށާ އިރު، މިއީ މި ފޯރަމް ބާއްވާ ދެވަނަ ފަހަރެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމުގައި ބޭރުގެ ގިނަ ގައުމުތަކުގެ މަންދޫބުން ބައިވެރިވާ އިރު، ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އޭގެ ތެރެއިން ގިނަ ވަފުދުތަކެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި ބާކީ ހުރި ވަފުދުތައް މާދަމާ އަންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންކަމާއި އެކި ދާއިރާތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ މާލީ، ފަންނީ އަދި އެހެނިހެން އެހީ ހޯދުމަށްޓަކައި ބާއްވާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ މަންދޫބުންނަށް، ރާއްޖޭގެ އެކި ދާއިރާތަކުން އެހީ ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމަ އަދި އަންގާރަ ދުވަހު ކުރުނބާ މޯލްޑިވްސްގައި މި ފޯރަމް އޮންނަ އިރު، މައިގަނޑު ފަސް ސެޝަނެއް ކުރިއަށްދާނެއެވެ.

އެއީ:

  • މާލީ އަދި އިގްތިސާދީ ދާއިރާ: ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިސާދީ ހާލަތުގެ މައުލޫމާތު ދިނުން.
  • ނޫ އިގްތިސާދު: ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސާދު ތަރައްގީކުރުން
  • އިޖުތިމާއީ ދާއިރާ: ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާ ގުޅޭ ކަންކަމާއި ބޯހިޔާވަހިކަން
  • އިދާރާތައް ހަރުދަނާކުރުން: އިދާރާތައް ހިންގުމާޢި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުން.
  • ޕްރައިވެޓް ސެކްޓަރާ ގުޅިގެން ތަރައްގީ ގެނައުން.

މި ފަސް ސެޝަންގައިވެސް ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެ ސެޝަނަކާ ގުޅުންހުރި ދާއިރާއެއް ބަލަހައްޓަވާ މިނިސްޓަރުގެ އިތުރުން، ސަރުކާރުގެ އިސްވެރިންނާއި އަދި ބޭރުގެ ތަޖުރިބާކާރުންނެވެ.

ޕާޓްނަޝިޕް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް