ފްލެޓް ޕޯޓަލްގައި 1900 މީހުން ބައިވެރިވެއްޖެ

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން: 1،900 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމުގެ ޕޯޓަލްގައި ރަޖިސްޓްރީވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯހިޔާވަހިކަމުގެ އޮންލައިން ޕޯޓަލްގައި މިހާތަނަށް 1،900 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

ފުލެޓަށް އެދޭ އިރު ދިގު ކިއުއެއްގައި ނުޖެހި ފުލެޓްތަކަށް އޮންލައިންކޮށް އެދޭނެ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދައި މިދިޔަ ފެބްރުއަރީ މަސްތެރޭ ސަރުކާރުން ވަނީ "މަގޭ ހިޔާވެހި ނަމުގައި "vehi.egov.mv" ޕޯޓަލް އިފްތިތާހު ކޮށްފައެވެ.

މިއަދު ހަވީރު ހައުސިން މިނިސްޓްރީން ވަނީ ޕޯޓަލްއަށް ރައްޔިތުން ހޭލުންތެރިކުރުމަށާއި ޕޯޓަލްގައި ރަޖިސްޓްރީ ވީހާވެސް ގިނަ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ބާރު އެޅުމަށް އެދި، ރައިވެރިބޭ މައިޒާނުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން: 1،900 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމުގެ ޕޯޓަލްގައި ރަޖިސްޓްރީވެއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައިވެރިބޭ މައިޒާނުގައި ހުންނަވާ "ސަން" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަލީ ޝާމިން ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސްތުދެވަސްތެރޭ، މިހާނަތަށް 1929 މީހުން ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ކަމަށާއި މިނިސްޓްރީން އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ކަމަށެވެ.

"މިއަދުގެ މިހަރާކާތުގެ ބޭނުމަކީ، ވީހާވެސް ގިނަ ފަރާތަކުން ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް ބާރުއެޅުން. ބޯހިޔާވަހިކަމުގެ ސްކީމެއް އައުމުން ސްކީމަށް އެޕްލައި ކުރެވެނީ، މި ޕޯޓަލް މެދުވެރިކޮށް. އެހެން ކަމުން ވީހާވެސް ގިނަ ފަރާތްތަކުން ޕޯޓަލް އަށް ރަޖިސްޓްރީވުމަކީ މުހިންމު ކަމެއް،" ސްޓޭޓް މިނިސްޓަރު ޝާމިން ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުން ބޯހިޔާވެހިކަމުގެ ސްކީމެއް ތާއާރަފްކޮށްފައި ނުވި ނަމަވެސް ފަހު ވަގުތަށް މަޑުނުކޮށް ޕޯޓަލްގައި ރަޖިސްޓްރީވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޝާމިން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ހަރަކާތުގައި މިނިސްޓަރު އާތިފާ ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީގެ މި ހަރަކާތުގައި މިއަދު ވަނީ ޕޯޓަލްއާ ބެހޭ ގޮތުން ލީފްލެޓް ބަހާފައެވެ. އެ ލީފްލެޓްގައި ވަނީ ޕޯޓަލް ބޭނުން ކުރާނެ ގޮތް ކިޔާދީފައެވެ. މި ހަރަކާތުގައި ހައުސިން މިނިސްޓަރު، އާތިފާ ޝަކުރާއި މިނިސްޓްރީގެ އިސްފަރަތްތައް އަދި މުވައްޒިފުން ބައިވެރިވެވަޑައިގެންވި އެވެ.

ކުރީގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދުމަށް ދިގު ކިއުތަކުގައި މަޑުކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމާއި އެތަށް ތަކުލީފެއް ރައްޔިތުން ވާން ޖެހުމަކީ އޭރު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް