ހަނގުރާމައަށް ދިޔަ ދިވެހިން ގެނައުމާ ނަޝީދު ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ދިވެހީން އަނބުރާ ރާއްޖެ ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އަދި އެމްޑީޕީގެ ލީޑާޝިޕުން ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު މިއަދު ވިދާޅުވީ، ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދު 160އަށް އަރާނެ ކަމަށެވެ. އަދި ދިވެހި ތިރީހަކަށް ކުޑަކުދިން ވެސް ހަނގުރާމަ ކުރި ސަހަރައްދުތަކުގައި އުޅޭ ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އުންމީދު ކުރައްވަނީ ބައިނަލްއަގުވާމީ ނިޒާމެއްގެ ތެރެއިން އެމީހުން ބެލެހެއްޓޭނެ ގޮތެއް އިންތިޒާމު ކުރާނެ ކަމަށެވެ. އަދި ހަނގުރާމައަށް ދިޔަ މީހުންނާ މެދު އަމަލު ކުރަންވީ ގޮތާ މެދު ގައުމުތަކުން މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ވަގުތުން ގައުމަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށް ދޭހަވާ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެމީހުން އެނބުރި އާދެވޭނެ ފުރަތަމަ ފްލައިޓުން އައުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެކޭ ބުނެވޭނެހެން،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ މީހުން ރިހެބިލިޓޭޓް ކުރާނެ ނިޒާމެއް ނެތި އެނބުރި ގައުމަށް ގެނައުމާ ދެކޮޅަށް މީގެ ކުރިން ބައެއް އާންމުންވެސް ވަނީ އަޑުއުފުލާފައެވެ.

ނަޝީދު މިއަދު ސަރަހައްދީ ސަލާމަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިދާޅުވީ، ލަންކާގެ އިތުރުން ރާއްޖެއަކީ ވެސް އަމާން ތަނެއް ކަމަށެވެ. އަދި ރާއްޖޭގައި ނުރައްކަލެއް ނެތް ކަމަށާއި، ދިވެހި ސަލާމަތީ ބާރުތައް އެއަށް ވުރެ ހުށިޔާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ލީޑާޝިޕުން ލަންކާއަށް ކުރަމުންދާ ދަތުރަކީ އެގައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެގައުމާއެކު ރާއްޖެ ދެމި އޮތްކަން ހާމަކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ.

comment ކޮމެންޓް