ސިޔާސީ މުވައްޒަފުންނަށްވެސް ވިހެއުމާއެކު ހަ މަހުގެ ޗުއްޓީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި --

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ވިހެއުމާ އެކު ހަ މަހުގެ ޗުއްޓީ ލިބޭ ގޮތަށް ސިޔާސީ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ.

ސިޔާސީ މުވައްޒަފުންނަށް ވިހެއުމާ އެކު ހަ މަހުގެ ޗުއްޓީ ލިބޭނެ ގޮތަށް، "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލު"އަށް އިސްލާހު ގެނެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓުކޮށްފައެވެ.

އިސްލާހުކޮށް ގެޒެޓު ކުރި އުސޫލުގައިވާ ގޮތުން، ވިހެއުމާ އެކު ދޭ ހަ މަހުގެ ޗުއްޓީ ދޭނީ ބަލިވެއިންނަތާ 27 ހަފްތާ ފަހުން ވިހައިފި ނަމައެވެ. އަދި އެ ހަ މަސް ގުނާނީ ބަންދު ދުވަސްތައް ގުނައިގެންނެވެ.

ހަތާވީސް ހަފްތާ ފަހުން، ނުވަތަ 16 ހަފްތާ އާއި 27 ހަފްތާއާ ދެމެދު ވިހެއި ދަރިފުޅުގެ ފުރާނަ ނެތް ނަމަ، ޗުއްޓީގެ ގޮތުގައި ދެވޭނީ ވިހާ ދުވަހުން ފެށިގެން 60 ދުވަސް ކަމަށް އެ އުސޫލުގައިވެއެވެ. ބަލިވެ އިންތާ 16 ހަފްތާއަށް ވުރެ ގިނަ ދުވަސް ނުވަނީސް ބައިގެން ހިނގައްޖެ ނަމަ 10 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައި އިތުރަށް ބުނެފައި ވަނީ، ވިހެއުމަށް ކައިރިވުމުގެ ސަބަބުން ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް އައުމަށް އުޒުރުވެރިވާ ނަމަ، ހަ މަސް ދުވަހުގެ ޗުއްޓީއިން ނުކެނޑޭ ގޮތަށް ގިނަ ވެގެން 30 ދުވަހުގެ ޗުއްޓީ މުވައްޒަފަށް ދެވިދާނެ އެވެ.

ފިރިހެން މުވައްޒަފުންނަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް 30 ދުވަސް ޗުއްޓީ ދެވިދާނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި އެ ޗުއްޓީ ހަމަވުމަށް ފަހު ކުއްޖާއަށް 7 މަސް ވުމާ ދޭތެރޭގައިވާ މުއްދަތުގައި ބަންދު ދުވަސްތައް ހިމަނައިގެން އިތުރު 27 ދުވަހުގެ ޗުއްޓީއެއްވެސް ދެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ. އޭގެ އިތުރުން، ދަރިފުޅު ހިތާނު ކުރާނަމަ ބަންދު ދުވަސްތައް ހިމަނައިގެން ފިރިހެން މުވައްޒަކަށް ފަސް ދުވަހުގެ ޗުއްޓީއެއްވެސް ދެވިދާނެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމަކީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދާފައިވާއިރު، ދައުލަތުގެ ބައެއް އޮފީސްތަކާއި މިނިވަން މުއައްސަސާތަކުންނާއި ކުންފުނިތަކުންވެސް ދަނީ އެގޮތަށް އަމަލު ކުރަމުންނެވެ.

comment ކޮމެންޓް