ކޯލިޝަނާ އެކު މަސައްކަތްކުރަން ރައީސްއަށް ދައްޗެއް ނޫން: ހޫދު

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ ރައީސް ސޯލިހު ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން

ކޯލިޝަނަކާ އެކު ސަރުކާރު ހިންގުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިފުޅުވާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިން ޕާޓީއަކާއި ސިޔާސީ ހަރަކާތެއް އެކުލެވެ އެވެ. އެއީ ރައީސް ސޯލިހު ނިިސްބަތްވާ އެމްޑީޕީ އާއި ނައިބު ރައީސް ފައިސަލް ނަސީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ލީޑުކުރައްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.

ގައުމުގައި ހިނގާ ބައެއް ސިޔާސީ ކަންކަމާ ގުޅިގެން ބައެއް ޕާޓީތަކުގެ ލީޑަރުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް އަމާޒުކުރާ މަންޒަރު ވަރަށް ގިނައިން ފެނިފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު މި ކަންތައް އިންތިހާއަށް ގިނައިން ފެނިގެން ދިޔަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ކޯލިޝަނެއްގައި މަސައްކަތްކުރުމަކީ ދަތި ކަމެއް ނޫން ކަމަށެވެ.

ޖޫން 13، 2019: ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ތަރުޖަމާން އިބްރާހިމް ހޫދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދައްޗެއް ނޫން ހަމަ ގައިމު ވެސް ކޯލިޝަނެއްގައި މަސައްކަތް ކުރާކަށް. ކެބިނެޓުަގައި ތިއްބަވާ ކޯލިޝަނުގެ ބައިވަރުގެ ވަޒީރުން ވެސް،" ހޫދު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ 20 މިނިސްޓަރުންގެ ކެބިނެޓުގައި އެމްޑީޕީގެ އަށް މިނިސްޓަރުން ތިއްބަވަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަސް ވަޒީރަކާއި އެމްއާރުއެމްގެ ހަތަރު ވަޒީރުން އަދި އަދާލަތު ޕާޓީގެ ތިން ވަޒީރުން ވެސް ތިއްބަވަ އެވެ.

ހޫދު ވިދާޅުވީ ތަފާތު ވިސްނުމާއި ފިކުރުތަކުގެ ވަޒީރުންނާ އެކު މަސައްކަތްކުރުމަކީ ދަތި ކަމެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ވެސް ދަތިފުޅެއް ނޫން އެ ބޭފުޅުންނާއެކު މަސައްކަތް ކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ވަނީ، ހަތަރު ޕާޓީގެ ލީޑަރުންގެ ލަފާ ހޯދުމަށް ކޮންމެ މަހަކު އެއްފަހަރު އެ ހަތަރު ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ބާއްވާފައި ވަނީ އެފަދަ ދެ ބައްދަލުވުމެވެ. އަދި މަޖިލިސް އިންތިހާބުގެ ކެމްޕޭނު ދުވަސްވަރަށް ފަހު ލީޑަރުންގެ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.

ހޫދު ވިދާޅުވީ، ކޯލިޝަނު ލީޑަރުންގެ ބައްދަލުވުން ނުބޭއްވިގެން އުޅޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ ޝެޑިއުލް ތަންކޮޅެއް ބުރައީހެން. އަޅުގަނޑަކަށް ނޭނގޭ ދަންނަވާކަށް ކީއްވެގެން ކަމެއް [ބައްދަލުވުން ނުބޭއްވިގެން މި އުޅެނީ]،" ހޫދު ވިދާޅުވި އެވެ.

comment ކޮމެންޓް