ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރުމަކީ ކަންބޮޑުވާ ކަމެއް: ބިޝާމް

ޖޫން 15، 2019: ދިވެހިރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރުމަކީ އެންމެ ކަންބޮޑުވެވަޑައިގަންނަވާ އެއް ކަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބިޝާމް ވިދާޅުވީ، ރައްޔިތުން ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ނުކުރުމުގެ ސަބަބުން ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާތަކަށްވެސް އެކަމުގެ ދަތިތައް ކުރިމަތިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުން ނިޒާމަށް ކުރާ އިތުބާރު ދެމެހެއްޓޭނީ މުހިންމު، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"މި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނީ މުހިންމު ބަދަލުތަކެއް އައިސްގެން ކަމަށް އަޅުގަނޑު ގަބޫލުކުރަން. ނަމަވެސް، މި ބަދަލުތަކަކީ ދެމެހެއްޓެނިވި ބަދަލުތަކަށް ވާން ޖެހޭ،"

ބިޝާމް ވިދާޅުވީ، އެ ބަދަލުތައް ގެނެސްދެވޭނީ ޖިނާއީ އަދުލުުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން މުއައްސަސާތަކުގެ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ލިބޭނެކަން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބަލައިގަންނަ ފަދަ އުސޫލުތަކަށް އަމަލުކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ދެފުށް ފެންނަ ހަމަ ހަމަ އުސޫލުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ މުހިންމު މަސައްކަތެއް. އެެހެންކަމުން އިންސާފު ގާއިމުވެގެންދާތަން ރައްޔިތުންނަށް ފެންނަން އެބަ ޖެހޭ. އަދި މިއީ ރައްޔިތުންނާ ރައްޓެހި ނިޒާމަކުން ކުރާ މަސައްކަތަކަށްވެސް ވާން ޖެހޭ،"

ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުން މުޖުތަމައުގައި ހުރި، އެހެނިހެން އިޖުތިމާއީ މައްސަލަތައްވެސް ހައްލު ވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

ބިޝާމް އިތުރަށް ވިދާޅުވީ، ތަރައްގީވެފައިވާ ޖުރިސްޑިކްޝަންތަކުގައި އަމަލުކުރަމުން އަންނަ ފަދަ ގާނޫނުލްއުގޫބާތާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަކަށް ރާއްޖަކަށް ރާއްޖޭގައިވެސް އަމަލުކުރަމުން އަންނަ އިރު އަދިވެސް ދައުލަތުގެ މުއައްސަސާތައް އެ ބަދަލުތަކަށް ބީރައްޓެހިކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމުގެ މިސާލެއްވެސް އޭނާ ދެއްވިއެވެ.

"އެގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނާއި ނިސްބަތުން ކުދި ކުށް ކުރާ މީހުންނަށް ލިބިދޭ ލުއިތަކަށް މި ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ފަރާތްތައް އެކަށީގެންވާ ވަރަށް ހޭލުންތެރިވެފައި ނުވާކަންވެސް އަޅުގަނޑަށް ފާހަގަކުރެވޭ. ނަމަވެސް، މި ނިޒާމު ފައްކާ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މި ކުރާ މަސައްކަތްތަކުން މިކަންވެސް އަޅުގަނޑުމެންނަށް ހާސިލުވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،"

ބިޝާމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ހަދަން ޖެހިފައިވާ ގަވައިދުތައް ކަމާ ގުޅޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރުވެސް ނިޒާމާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް