އައިޖީއެމްއެޗުން ހަދަން ޖެހޭ ސީޓީ ސްކޭން ވަގުތީ ގޮތުން ޓްރީޓޮޕަށް

ޓްރީޓޮޕް ހޮސްޕިޓަލް: އައިޖީއެމްއެޗްގެ ސިޓީ ސްކޭންތަށް ހެދުން ވަގުތީގޮތުން ވަނީ އެ ހޮސްޕިޓަލަށް ބަދަލުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަދު ހެނދުނު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން ހަދަން ޖެހޭ ސީޓީ ސްކޭންތައް ހެދުން ވަގުތީ ގޮތުން ހުޅުމާލޭ ގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިއަދު ހެނދުނު 10:07 އެހާކަށްހާއިރު އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެމްއެންޑީއެފަށް މައުލޫމާތު ލިބުނު އިރު، 10:21 އެމްއެންޑީއެފް އިން ވަނީ އަލިފާން ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމަށް ނުލިބެއެވެ.

އިއަޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޫޕޫއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސިޓީ ސްކޭނަށް ކަރަންޓް ލިބެމުން ނުދާ ކަމަށެވެ. އަދި މިހާރު ސިޓީ ސްކޭނަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާތީ، އެ ހޮސްޓަލުން ހަދަން ޖެހޭ އެމަޖެންސީ ސީޓީ ސްކޭންތަށް ހެދުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

"ސީޓީ ސްކޭންތަށް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލި މީހުންގެ އެންމެހާ ކަންކަން ހަމަ ޖެއްސުމަށް، އާސަންދައާއި މި ހޮސްޕިޓަލުން ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ރާއްޖޭގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗުގައި އަލުން ސްޓީ ސްކޭން ހިދުމަތް ފެށޭނެ ދުވަހެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

އައިޖީއެމްއެޗްގައ ހިނގި އަލިފާނުގެ ހަދިސާގައި، ކުއްލި ފަރުވާދޭ (އީއާރު)ގެ ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކުރި އެވެ.ޔެލޯ ޒޯންގައި ފަރުވާ ދެމުން ދިޔަ 22 މީހަކު ކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދިން ސަރަހައްދަށް ބަދަލުކޮށްފައިވާ އިރު ގްރީން ޒޯންގައި ތިބި މީހުން ކުރިން އެތެރެހަށީގެ ބަލިތަކުގެ އޯޕީޑީ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗް އިން ބުނީ، ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް މެދު ނުކެނޑި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް