ވިލިނގިލީ ޒުވާނުން މުޅި ރަށް ސާފުކޮށް ނަމޫނާ ދައްކަނީ

ވިލިނގިލީ ޒުވާނުން ރަށުގެ ސަރަހައްދެއް ސާފު ކުރަނީ: ޒުވާނުން އިސްނަގައިގެން ރަށް ސާފު ކުރުމުގެ ހަރަކާތެއް ވަނީ ފަށައިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. ވިލިނގިލީ ޒުވާނުން އިސްނަގައިގެން ރަށުގެ އެކި ސަރަހައްދުތަށް ސާފު ކުރުމުގެ ސިލްސިލާ ހަރަކާތެއް ފަށައިފި އެވެ.

ވިލިނގިލީ ޒުވާނުން މުޅި ރަށް ސާފު ކުރުމުގެ ހަރަކާތެއް، "ސާފު ވިލިނގިލީ"ގެ ނަމުގައި ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. މިހާރު ޒުވާނުން އަންނަނީ، ފޭސްތަކަަކަށް ބަހައިލައިގެން ކޮންމެ ދުވަހަކު ސާފު ކުރުމުގެ މަސައްކަތް ކުރަމުންމެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ އެއް ޒުވާނަަކު "ސަން" އަށް ބުނީ، ވިލިނގިލީ ބީޗް ފަދަ ތަންތަން ސާފުނުކޮށް އޮންނަތާ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ޒުވާނުންނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ބައްދަލުވުމަށްފަހު، މިދިޔަ އަންގާރަ ދުވަހު ރަށުގެ އެކި ސަރަހައްދުތައް ބެލުމަށްފަހު ހަތަރު ސަރަހައްދުތަކަށް ބަހައިލައިގެން ރަށް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެނާ ބުންޏެވެ.

"އެންމެ ފުރަތަމަ ހިއެއް ނުކުރަން މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް. ކޮންމެ ދުވަހަކުވެސް މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން" އޭނާ ބުންޏެވެ.

ވިލިނގިލީ ސާފުކުރުމުގެ ހަރަކާތުގައި ޒުވާނުން: ގިނަ އަދަކަށް ޒުވާނުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިނގިލީ ޒުވާނުން އިސްނަގައިގެން ރަށް ސާފުކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، ތިމާވެއްޓާ ބެހޭ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ޒުވާުނުންގެ ޓީމަށް ހިތްވަރުދީ، ޝުކުރު އަދާ ކުރައްވާފަ އެވެ.

"މިއީ ވަރަށް ބަރާބަރު މަސައްކަތެއް. މިކަމުގައި ބައިވެރިވި ހުރިހާ އެންމެނަަށް ޝޫކުރު އަދާ ކުރަން،" ވަޒީރު އެފްބީގައި ކުރެއްވި ކޮމެންޓެއްގައި ލިޔުއްވި އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅޭ ޒުވާނުންގެ އަމާޒަކީ، ކޮންމެ މަހަކު އެއްފަހަރު ނިކުމެ ރަށް ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގުމެވެ.

"ޒުވާނުން އަމިއްލަ އަށް ޑަސްޕިންތަކެއް މިހާރު ވަނީ ހަދާފައި. ސާފުކުރުމަށް ފަހު ރަށުގެ އެކި ސަރަހައްދުތަކުގައި ޑަސްޕިން ބެހެއްޓުމުގެ މަސައްކަތް ފަށާނަން. ހަފްތާއެއް ވަންދެން މި ހަރަކާތް ކުރިއަށް ގެންގޮސް އޭގ ފަހުން ކޮންމެ މަހަކު އެއް ފަހަރު ސާފު ކުރުމުގެ ޕޮރޮގްރާމް ޖައްސާނެ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މައްސަކަތުގައި ވަރަށް ގިނަ ޒުވާނުންނާއި ވިލިނގިލީ ސަރުކާރުގެ އެކި އިދާރާތަކާއި އާންމު ރައްޔިތުން އަދި އަންހެނުންގެ ކޮމިޓީގެ އެހީތެރިކަން ވެސް ލިބެމުންއާދެ އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެނަށް ވުރަ އުމުރުން ހަގު ކުދިންނަށްވެސް ނަމޫނާ ދައްކަން. ރަށް ހަޑިވެފައި އޮތުމަކީ އެންމެނަށް ވެސް ހަޑިކަމެއް. ސާފު ކުރުމަށްފަހު، ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަަށް އުންމީދު ކުރަނީ،"އޭނާ ބުންޏޭވެ.

އޭނާ ބުނީ، މުސްތަގުބަލުގައި މި ހަރަކާތް ފުޅާކޮށް، ރަށް ފެހި ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ.

"ރަށުގެ މަގު ހެދުމުގެ މަސައްކަތްކުރުމަށް މަގުމަތީގައި ހުރި ހުރިހާ ގަހެއް ވަނީ ކަނޑާފައި. އެހެންވުމުގެ ސަބަބުން ރަށުގައި ނޯވޭ ހިޔާ ލިބޭ މަގެއް. އަޅުގަނޑުމެން އެބަ ވިސްނަން ކުރިއަށް އޮތްގައި މަގުތަކުގައި ގަސް އިންދުމަށް ވެސް،" އޭނާ ބުންޏެވެ.

ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގައި ސިޔާސީ ހަލަބޮލިކަމާއެކު ރަށް ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. ނަމަވެސް ސިޔާސީ ހަލަބޮލިކަން ނިމި، ވީދިފައިވާ އެރަށުގެ އިޖުތިމާއީ ފޭރާން މިހާރު އަންނަނީ އިޔާދަވަމުންނެވެ.

comment ކޮމެންޓް