ނާމަލްގެ އިންޓަވިއު: ލަންކާގެ ތަރައްގީގެ ފައިދާ ރާއްޖެއަށް ކުރާނެ

ސްރީލަންކާއަށް އަންނަ ތަރައްގީއަކީ ދިވެހިރާއްޖެ އާއި ދެކުނު އޭޝިއާގެ ސަރަހައްދަށްވެސް އަންނާނެ ތަރައްގީއެއް ކަމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޕާޓީ ތަމްސީލުކުރާ މެމްބަރު ނާމަލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ނާމަލް ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު، އަދި މިހާރު އެގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުންނެވެ. އެ ދެ ބަފައިކަލުންވެސް ނިސްބަތްވަނީ ސްރީލަންކާ ޕޮދުޖަނަ ޕެރަމޫނަ (އެސްއެލްޕީޕީ) ޕާޓީއަށެވެ.

މި ހަފްތާގައި ރާއްޖެ ވަޑައިގެން ދަތުރުގެ ތެރެއިންގެ "ސަން" ގެ އެސިސްޓެންޓް އެޑިޓަރު އިބްރާޙިމް މާހިލް މުހައްމަދު އަށް އޭނާ ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، މި އަހަރުގެ ޑިސެމްބަރު މަހު ސްރީލަންކާގެ ރައްޔިތުން އާ ރައީސެއް އިންތިހާބުކުރުމަށް ނުކުންނަ އިރު، ރައްޔިތުން ބޭނުންވަނީ ގައުމީ ސަލާމަތަށް އިސްކަން ދޭ، އަދި ގައުމު ތަރައްގީ ކޮށްދޭނެ ބަޔަކު ވެރިކަމަށް ގެންނަން ކަމަށެވެ.

ނާމަލް ނިސްބަތްވާ އެސްއެލްޕީޕީގެ ފަރާތުން ރައީސްކަމަށް ކުރިމަތިލަނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސައެވެ.

"އަޅުގަނޑުމެން މި ތަސައްވަރުކުރަނީ ވަރަށް ޕްރޮގްރެސިވް މުސްތަގުބަލަކަށް. ގައުމީ ސަލާމަތަށް އިސްކަން ދޭ ސަރުކާރަކަށް،" ނާމާލް ވިދާޅުވި އެވެ.

އެސްއެލްޕީޕީގެ ވެރިކަމެއްގައި އިސްކަންދޭނެ ގިނަ ކަންކަން ނާމަލް ކިޔައިދެއްވި އިރު، އޭގެ ތެރެއިން އޭނާ ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމެވެ.

"ސްރީލަންކާއަށް އޭވިއޭޝަން ދާއިރާ ތަރައްގީކޮށް، އަދި ލަންކާއަށް ކްރޫޒްޝިޕްތައް ގެނައުމަށް މަސައްކަތް ކުރެވިއްޖެނަމަ އެކަމުގެ ފައިދާ ހަމަ ޔަގީނުންވެސް ރާއްޖެއަށް ކުރާނެ،" ނާމަލް ވިދާޅުވިއެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން މިކަން ހިނގަނީ 50-50 އިންސަތަ ހިއްސާވާ ގޮތަކަށް. ރާއްޖެ އަންނަ ފަތުރުވެރިން ޔަގީނުންވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ލަންކާގައި ހޭދަކުރާނެ. މިއީ މިކަން މިހާތަނަށް ހިނގަމުން އައި ގޮތް،"

ސްރީލަންކާއަށް އަންނަ ތަރައްގީގެ ހެޔޮ އަސަރު ސަރަހައްދީ އެހެން ގައުމުތަކަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ފާހަގަކުރައްވަމުން ނާމަލް ވިދާޅުވީ ގްލޯބަލައިޒޭޝަން ނުވަތަ ދުނިޔެ ބަވަނަވުމަކީ އެއީ ކަމަށެވެ.

މީގެ އިތުރުންވެސް މި އެކްސްކްލުސިވް އިންޓަވިއުގައި ނާމަލް ވަނީ، މި އަހަރުގެ އޭޕްރިލް މަހު ސްރީލަންކާގައި ދިން ހަމަލާތައް ހުއްޓުވުމުގައި ލަންކާގެ މިހާރުގެ ސަރުކާރު ފެއިލްވުމުން ސަރުކާރަށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ސްރީލަންކާގެ ޚާރިޖީ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. މީގެ އިތުރުން ހައްދު ފަހަނަ އަޅައި ދިޔުން ހުއްޓުވުމާއި މުސްލިމުންނަށް އެ ގައުމުގެ މިފަހުން އަމާޒުވި ހަމަލާތަކާ ބެހޭ ގޮތުން ވެސް އޭނާގެ ހިޔާލުތައް ފާޅު ކުރެއްވި އެވެ. އަދި ޒުވާން ސިޔާސީ ފަރާތްތަކަށް ވެސް އޭނާ ވަނީ އިރުޝާދުތަކެއް ދެއްވައިފަ އެވެ.

comment ކޮމެންޓް