އެކި ދާއިރާތަކުން އެހީ ހޯދުމަށް ހޯމަ ދުވަހު ޕާޓްނާޝިޕް ފޯރަމް ބާއްވަނީ

ޑިސެމްބަރު 11 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކަށާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އަންނަ ހޯމަ ދުވަހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 ބާއްވަން ނިންމައިފިއެވެ.

ޕާޓްނާޝިޕު ފޯރަމުގައި ބައިވެރިވާން އެކި ގައުމުތަކަށާއި އަމިއްލަ ފަރާތްތަކަށް ސަރުކާރުން މިހާރު ދަނީ ދައުވަތު ދެމުންނެވެ.

އަންނަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާ އެ ފޯރަމް އިފްތިތާހުކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރޭ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވީ، ފޯރަމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ހުޅުވެމުންދާ ހާރިޖީ ސިޔާސަތުތައް ހާމަކޮށް، ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައާއި، މަޝްރޫއުތަކަށް ވެވޭނެ އެހީތެރިކަމާ ބެހޭގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދީ އެ ފަރާތަކުގެ ކިބައިން ލިބޭނެ އެހީތެރިކަމަކީ ކޮބައިތޯ ބެލުން ހިމެނޭ ކަމަށެވެ.

އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީ އައިމިނަތު ޝައުނާ ވިދާޅުވީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެފައިވާ ކަމަށެވެ. މި ފޯރަމުގެ މައިގަނޑު އަމާޒަކަށް ވާނީ ގައުމުުތަކާ މެދު އޮތް ގުޅުން އަލުން ރަނގަޅުކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ޒިންމާދާރު ބައިވެރިއަަކަށް ރާއްޖެ ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވި ގޮތުގައި ފޯރަމް ކުރިއަށް ގެންދާނީ ވަކި ބައިތަކަށް ބަހާލައިގެންނެވެ. އެއިން ކޮންމެ ބައެއްގައިވެސް ވަކި މައުޟޫއަކާ ގުޅޭ މައުލޫމާތު ފޯރަމުގެ ބައިނަލްއަގުވާމީ ބައިވެރިންނަށް ދެވިގެންދާނެއެވެ.

ފޯރަމްގައި ވާހަކަ ދެކެވޭނެ ބައެއް ކަންތައްތައް:

  • ޖަޒީރާ ރާއްޖެއަކީ ކޮބައިކަން ކިޔައިދިނުން
  • ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކިޔައިދިނުން
  • ސޯޝަލް ސެކްޓާގެ ލަނޑުދަނޑިތައް ކިޔައިދިނުން
  • ނޫ އިގްތިސާދުގެ ސިޔާސަތުތައް ކިޔައިދިނުން
  • އަމިއްލަ ފަރާތްތައް ތަރަގީގައި ބައިވެރިވެވޭނެ ގޮތްތައް ހޯދުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ޕާޓްނާޝިޕް ފޯރަމްގެ ނަމުގައި މިފަދަ ފޯރަމެއް ބާއްވާފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މަޝްރޫއުތަކަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ބާއްވާފައި ވަނީ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމެވެ.

comment ކޮމެންޓް