ދޮން ދަރިއާ ބެހުނު ކަމަށް ބުނެ ކުރި 15 އަހަރުގެ ހުކުމެއް ހައިކޯޓުން ބާތިލު

ހައިކޯޓު:ކުޑަ ކުއްޖަކާ ބެހިގެން ކުރި 15 އަހަރުގެ ހުކުމެއް ހައިކޯޓުން ވަނީ ބާތިލުކޮށްފައި --- ސަން ފޮޓޯ

ދޮންދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ސާބިތުވެ ދެކުނުގެ އަތޮޅެއްގައި މީހެއްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން ކުރި 15 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެ މައްސަލައިގައި މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައިގައި ދައުވާ ލިބުނު ފަރާތުން ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން، އޭނާގެ ހުކުމް ބާތިލު ކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި މީހެއްގެ ކުށް ސާބިތުކުރުމަށް އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތުގެ ހެކި ހުރެއްޖެނަމަ މައްސަލަ ސާބިތުވާނެ ކަމަށެވެ.

ނަމަވެސް، މި ނަމްބަރުތަކުގެ ތެރެއިން (ޅ)، (ކ) އަދި (ދ) އަކީ ކުއްޖާ ދައްކާ ވާހަކަތަކެއްގެ މައްޗަށް ބިނާ ކުރެވޭ ހެކިތަކެއް ކަމުން، އެއީ ފަސް ހެކި ހާމަކުރުމުގައި ވަކި ވަކި ހެކީގެ ގޮތުގައި ނުބެލެވޭނެކަމަށް 2014 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމެއްގައި އޮތީ ކަނޑައަޅާފައެވެ. އެކަން ހައިކޯޓުގެ މި މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ވަކި ވަކި ހެކީގެ ގޮތުގައި ނުބެލެވޭ ތިން ބާވަތުގެ ހެކި:

(ޅ) ކަން ހިނގައި ދިޔަތާ މާ ގިނަ ދުވަސް ނުވަނީސް ކަން ހިނގައި ދިޔަ ގޮތް ކިޔައިދީ ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާނެއް

(ކ) އޭނާއާ މެދު ކަން ވީ ގޮތް ކަމަށް ނުވަތަ ކަން ހިނގައި ދިޔަ ގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާނެއް

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއަށް އިންޓަވިއުކުރުމުން ކުއްޖާއަށް ކިޔައިދީފައިވާ ވާހަކަތައް

ޕީޖީއިން ހުށަހެޅި ހެކިތައް

  • ކުއްޖާ ފުލުހަށް ދިން ބަޔާން
  • ކުއްޖާގެ މަންމަ
  • ކުއްޖާއާ ބެހުނުކަމަށް ބުނާ މީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ
  • ލ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ ރިޕޯޓު
  • ލ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ ރިޕޯޓު ތައްޔާރުކުރި ފަރާތް

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވަނީ އެ ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓުން ކުއްޖާގެ ޖިންސީ ހާނިއްކައިގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް، ކުއްޖާގެ ކުރިމަތި ފަރާތުގައި ޖަރާސީމު އުފެދުންކަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަން ވެސް ހުކުމުގައިވެ އެވެ.

ޕީޖީއިން ހުށަހެޅި ހެކީގެ ތެރެއިން ކުއްޖާގެ ބަޔާންތައް ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ފައިލުތައް ފަހުން ހުޅުވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ދެވަނަ ފަހަރަށް ކުއްޖާ ގެނެސް ސުވާލުކުރިއެވެ. ދެވަނަ ފަހަރަށް ދިން ބަޔާނުގައި ކުރިން ކިޔައިދިން ގޮތަށް ކިޔައިދީފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ބުނެފައި ވަނީ، އަނިޔާ ލިބުނު ގޮތުގެ ވާހަކަ ކުއްޖާގެ މަންމައަށް ކިޔައިދިން ގޮތް ކުއްޖާ ފުލުހުން ދިން ބަޔާނުގައި ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާގެ ދޮންބައްޕަ ކުއްޖާގެ ގައިގައި ބެއްދުން ފިޔަވައި އެހެން ކަމެއް ކުރި ކަމަަށް އެ ބަޔާނަށް ކިޔައިދީފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން، ކުއްޖާގެ ވާހަކަތަކާމެދު ސުވާލު އުފެދޭކަމަށް ހުކުމުގައިވެއެވެ.

ކުއްޖާގެ ވާހަކަތަކާ މެދު ސުވާލު އުފެދޭ އިރު، ކުއްޖާގެ މަންމައާއި، ކުއްޖާއާ ބެހުނު ކަމަށް ބުނާ މީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި، އެ ސަރަހައްދުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ ހެކިބަހަކީ ކުއްޖާ ދެއްކި ވާހަކަތެއްގެ މައްޗަށް ބިނާވެފައިވާ ހެކި ބަސްތަކެއް ކަމުން، އެ ދެ މީހުންގެ ހެކި ބަހަކީ ވަކި މުސްތަގިއްލު ހެކިބަހެއް ކަމުގައި ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އެެހެން ކަމުން، މި މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުން ނިންމެވީ 15 އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި މީހަކަށް ލިބެން ޖެހޭ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށެވެ.

comment ކޮމެންޓް