ސައުދީގައި "ހަލާލު ނައިޓް ކުލަބް" ހުޅުވި މައްސަލަ ބަލަނީ

ސައުދީ އަރަަބިއާގައި "ހަލާލް ނައިޓްކްލަބެއް" ހުޅުވާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފައި -- ފޮޓޯ: ގެޓީ

ޖިއްދާ (ޖޫން 13): ސައުދީ އަރަބިއާގެ ޖިއްދާގައި ރޭ ނައިޓްކްލަބެއް ހުޅުވި މައްސަލަ އެގައުމުގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީ (ޖީއީއޭ)އިން ބަލަން ފަށައިފި އެވެ.

ޖީއީއޭއިން ކުރި ޓުވީޓެއްގައިވާ ގޮތުން ނައިޓްކްލަބެއް ހުޅުވަން އެއިދާރާއިން ހުއްދައެއް ނުދެ އެވެ.

"ޖީއީއޭއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ އިވެންޓަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް، މި އިދާރާގެ ހުއްދައާ ނުލައި ބޭއްވި އިވެންޓެއް،" ޖީއީއޭގެ ބަޔާނުގައިވެ އެވެ.

އަދި ޖީއީއޭއިން ހުއްދަ ދިނީ އެހެން އިވެންޓަކަށް ކަމަށާއި، ނަމަވެސް ކޮންޓްރެކްޓް ހެދި ފަރާތުން އެއާ ހިލާފުވީ ކަމަށް ބުނެފައިވެ އެވެ.

މެދުއިރުމަތީގެ ބައެއް މީޑިއާތަކުގައި "ހަލާލް ނައިޓްކްލަބެއް"ގެ ގޮތުގައި ސިފަކޮށްފައިވާ އެތަން ހަދާފައި ވަނީ ބެއިރޫތާއި ދުބާއީގައި ނައިޓްކްލަބުތައް ހުޅުވާފައިވާ ވައިޓް ބްރޭންޑުންނެވެ.

"ވައިޓް ސައުދީ އަރަބިއާ"ގެ ފޭސްބުކް ޕޭޖުގައި އެކްލަބް އިޝްތިހާރު ކުރަމުން ވަނީ ކްލަބު ހުޅުވުމުގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިޔޯ ބައިވެރިވާނެ ކަމަށް ބުނެފަ އެވެ. އަދި އެކްލަބު ހުޅުވާފައި ހުންނާނީ ރޭގަނޑު 22:00އިން 03:00އަށް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަކުދިން އެތަނަށް ވަނުމާއި ބަނގުރާ ވިއްކުމާއި އެތަނުގައި ތެރޭގައި ފޮޓޯ ނެގުން ވަނީ މަނާކޮށްފަ އެވެ.

ވައިޓް ބްރޭންޑުން ބުނި ގޮތުގައި އެތަން ސައުދީގައި ހުޅުވާފައި ހުންނާނީ މިމަހުގެ އަށެއްގައި ފެށުނު ޖިއްދާ ސީޒަން ފެސްޓިވަލް ނިމެންދެނެވެ. އަންނަ މަހުގެ 18ގައި ނިމޭނެ އެފެސްޓިވަލަކީ ޖިއްދާގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ތަފާތު ހަރާކާތްތަކާ އެކު ފާހަގަ ކުރާ ދުވަސްތަކެކެވެ.

"ހަލާލް ނައިޓްކްލަބާ" މެދު ސައުދީ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ ސައުދީ އަރަބިއާ ޒަމާނީ ކުރުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވި މަސައްކަތުގެ ދަށުން ހުޅުވާފައިވާ ތަނެއް ކަމަށް ބުނެ، އެކަމަށް ތައުރީފުކޮށްފަ އެވެ.

ނަމަވެސް އެހެން ފަރާތްތަކުން ވަނީ ނައިޓްކްލަބެއް ހަލާލް ވާނީ ކިހިނެއްތޯ ސުވާލުކޮށް، މައްކާ ކައިރީ އޮންނަ ޖިއްދާގައި އެފަދަ ތަނެއް ހުޅުވުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

comment ކޮމެންޓް