ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ޒުވާނުންގެ ކިބައިގައި "ތަހައްމަލު ކުރުމުގެ ސިފަ" ހުންނަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ޔޫތު ލީޑާސް ފޯރަމް ހުޅުވުމަށް ރޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމަކީ މިނިސްޓްރީ ހޯމް އެފެއާޒްގެ އިސްނެންގެވުމުގެ ދަށުން ސްކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.

ފައިސަލް ވިދާޅުވީ، ތަހައްމަލުކުރުމުގެ ސިފަ ޒުވާނާގެ ކިބައިގައި ނެތް ނަމަ ދިރިއުޅުމުގައި ހޯދަން ބޭނުންވާ ނަތީޖާތަކާ ހަމައަށް ވާސިލުވުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ގައުމު ހިންގުމުގެ އެކި ދާއިރާތަކުގެ ވަޒީފާތަކުގައި ދިވެހި ޒުވާނުންގެ އަދަދު ގިނަކަންވެސް ފައިސަލް ރޭ ފާހަގަ ކުރެއްވިއެވެ. އަދި އެއީ ގައުމަށް ލިބޭ ފަހުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ބޭނުންވާ ތަރައްގީއާ ހަމައަށް ގައުމު ގެންދިއުމުގެ ފުރުސަތު އޮތީ ޒުވާނުންނަށް ކަމަށެވެ. އަދި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގައިއާއި ގައުމު ތަރައްގީކުރުމުގައި ޒުވާނުން އެކަތިގަނޑަކަށްވެ އެކުވެރިކަމާއެކު ކުރިޔަށް ދިއުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އޭގެ އިތުރުން، ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒުވާނުންގެ ކުރިއެރުމަށް ދެއްވާ ސަމާލުކަމާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، މަތީ ތައުލީމަށް މީގެ ކުރިން ހޭދަ ނުކުރާހާ ބޮޑު މިންވަރެއް މިއަދުގެ ސަރުކާރުން ހޭދަކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.