އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި

އަދީބު މިއަދު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަދީބު ބޭސްފަރުވާއަށް ދިޔުމަށް މި ހަފްތާގެ ތެރޭގައި ކަރެކްޝަންސް އިން ވަނީ ހުއްދަ ދީފައެވެ. އޭރު އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެދި ހުށަހެޅި މައްސަލަ އޮތީ ހައިކޯޓުގައެވެ.

އޭނާ ފުރައިވަޑައިގަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ.

އޭނާ އެ ގައުމަށް ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އިފިޝަލުންގެ ބެލުމުގެ ދަށުންނެވެ.

އަދީބު މިއަދު ފުރައިވަޑައިގެންފައިވާ އިރު އޭނާ އިންޑިއާގައި ހުންނަވާ ތަން ބަލާ ފާސް ކުރުމަށް ފުލުހުންގެ ޓީމެއްވެސް އިއްޔެ ވަނީ ގޮސްފައެވެ.

ހިޔާނާތުގެ އެތައް ކުށެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާއަށް ދިޔުމަށް ހުއްދަ ދިނުމުން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނެވެ. އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާއި، ކަރެކްޝަންސްއާއި ފުލުހުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރު ކުރިއެވެ.

އަދީބުގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ޖެހިފައި ވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔެކެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް