ސުޕްރީމްކޯޓް ހަމަ މަގަށް އަޅުވައިދޭން އޭޖީ މަޖިލީހުގައި އެދިވަޑައިގެންފި

ބަންޑާރަ ނައިބު ރިއްފަތު ސުޕްރީމްކޯޓުން އަމިއްލަ އިސްނެގުމަށް މައްސަލަ ނުބެލޭގޮތް ހަދަން އޭނާ ވަނީ އެދިވަޑައިގެންފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓުން އަމިއްލަ އިސްނެންގެވުމަށް މައްސަލަތައް ބަލާ ބެލުން ހުއްޓުވައި ދިނުމަށް ބަންޑާރަ ނައިބު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އިބްރާޙިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިރޭ ވަނީ، އެ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ޖޭއެސްސީގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގެ މެމްބަރު އަދި ހިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވަނީ ޝަރުއީ ދާއިރާ އިސްލާހުކޮށް، ޖޭއެސްސީ ހަރުދަނާ ކުުރުމަށް ތިން ކަމަށްކަށް މަޖިލީހުގެ ފަރާތުން އެދިވަޑައިގެންފައެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުރަމަތަ ކަމެއްގެ ގޮތުގައި ރިއްފަތު އެދިވަޑައިގަތީ، ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށެވެ.

އެގޮތުން ފަނޑިޔާރުންގެ ގާނޫން ޖޭއެސްސީއަށް މަތިކޮށްފައި ފަނޑިޔާރުންގެ ފެންވަރުން ވަޒަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް ރިފްއަތު އެދިވަޑައިގެންނެވި އެވެ. ފަނޑިޔާރުންގެ ގާބިލުކަން ވަޒަން ނުކުރެވުމަކީ، ޖޭއެސްސީއާ މެދު ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާގެ އިތުބާރު ކުޑަވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮމިޓީގައި ވާހަކަ ދައްކަވަމުން ރިއްފަތު ވަނީ، ސުޕްރީމް ކޯޓުން "އެކި އެކި ސިފަ ސިފަައިގައި" ޖޭއެސްސީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަަމަށް ވިދާޅުވެފަ އެވެ.

"ސުޕްރީމް ކޯޓުން އެބަހުރި ސިޓީ ބަދަލުކޮށް، ކަންތައްތައް ކުރުމަށް އަންގާފައި. އެއީކީ އެކަން ކުރެވިގެން ވާނެ ގޮތެއް ކަމަށް ގަބޫލެއް ނުކުރަން،" ރިފްއަތު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރިއްފަތު އެދިވަޑައިގަތީ، ސުމޫޓޯ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އަމިއްލަ އިސްނެންގެވުމަށް މައްސަލަތައް ބެލުން މަޖިލީހުން ގާނޫނަކުން ހުއްޓުވަމަށެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގާނޫނޫން ސްޕްރީމް ކޯޓަށް އަމިއްލަ އިސްނެންގެވުމަށް މައްސަލަތައް ބެލުމަށް ބާރުދީފައި ނުވާއިރު، އެކި އެކި ހާލަތްތަކުގައި ސުޕްރީމް ކޯޓުން އަންނަނީ އަމިއްލަ އިސްނެންގެވުމަށް މައްސަލަތައް ބަލައި ހުކުމް އިއްވަމުންނެވެ،

ތިންވަނަ ކަމެއްގެ ގޮތުގައި ރިއްފަތު އެދިވަޑައިގަތީ، ފަނޑިޔާރުންގެ ގާނޫނުގެ ބައިތަކާއި މާއްދާތައް ސުޕްރީމް ކޯޓުން "ހިތު ހުރި ގޮތަކަށް" ބާތިލްކުރުން ނިމުމަކަށް ގެނައުމަށެވެ.

މީގެ އިތުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ހާމަކަންބޮޑު ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް ރިފްއަތު ވަނީ ކަމާ ބެހޭ މުއަސަސާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް