ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ ފަސް އަހަރު!

ޖޫން 14، 2019 : ޖޭއެސްސީގެ މެމްބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފަނޑިޔާރުންގެ ފެންވަރު ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނާ ގާނޫނުން އެޒިންމާ ހަވާލުކޮށްފައި އޮތް ނަމަވެސް ފަނޑިޔާރުންގެ ފަނެވަރު ނުބަލާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ކޮމިޝަނުން އެއްބަސްވެއްޖެއެވެ.

ފަނޑިޔާރުންގެ ފެންވަރުބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހަވާލުކޮށްފައި އޮތް ޒިންމާ އަދާ ކުރުން ހުއްޓުވީ ސުޕްރީމް ކޯޓުން ކަމަށް އެ ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ފެންވަރު ކޮންމެ ދެ އަހަރުން އެއް އަހަރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ މިރޭ ހާޒިރުކޮށް އެކަމާ ގުޅިގެން ވަނީ ސުވާލުކޮށްފައެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ސުވާލު ކުރެއްވީ ޖޭއެސްސީއިން އެންމެ ފަހުން ފަނޑިޔާރުންގެ ފެންވަރު ބެލި އިރަކާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީއަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.

"އެ ސިޓީގައި ދަންނަވާފައި އެބައޮތް އެޕްރޭސަލް ކަންތައްތަކުގައި އަޅުގަނޑުމެންނަށް (ޖޭއެސްސީއަށް) މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް." މަސްތޫރު ހުސްނީ ވިދާޅުވިއެވެ.

މަސްތޫރު ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތުގައި ސީދާގޮތުންނާއި ނުސީދާގޮތުން ސުޕްރީމް ކޯޓުގެ ނުފޫޒު ޖޭއެސްސީއަށް ވަދެފައިވާ ކަމަށެވެ. އެކަމަކު މިޙާރު ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްތޫރު ވިދާޅުވިއެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަސްތޫރުގެ ވާހަކަތަކާ ގުޅިގެން ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަން ނުކުރުމަށް ޖޭއެސްސީއަށް އަންގައި ސިޓީ ފޮނުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމައިގެން ކަމަށެވެ.

އަރީފް ވިދާޅުވީ އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގެ ދަށުން ޖޭއެސްސީ އަދި ސުޕްރީމް ކޯޓާ ދެމެދު "ކަން ފަހިކުރާ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދައި ފުށުއެރުން ހުންނަ މައްސަލަތުގައި އެ ކޮމިޓީން ގޮތް ނިންމަން ކަނޑައަޅާފައިވާ ކަމަށެވެ.

"އެ ކޮމިޓީގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާ އޮތީ. އެހެންވީމަ މިކަން ހުއްޓިފައި އޮތީ." ފަނޑިޔާރު އަރީފް ވިދާޅުވި އެވެ.

މެމްބަރު ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފޮނުވާ ސިޓީއަކުން ގާނޫނުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށެވެ. އެހެންވީމަ ސިޓީއާ ގުޅިގެން ދެން އަމަލު ކުރެއްވީ ކިހިނެއްތޯ ސިރާޖު ސުވާލު ކުރިއެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ކީއްވެގެންތޯ ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތްއިރު އެގޮތަށް އަމަލު ނުކުރީ. ސުޕްރީމް ކޯޓުން ސިޓީއެއް އައުމުން ގާނޫނުގެ އެ މާއްދާ އެބައޮތް މި މާއްދާ އުވިފައެއް ނެތް. ކީއްވެގެންތޯ ގާނޫން މަތިކޮށްފައި އޮތް ޒިންމާ އަދާނުކޮށް ސުޕްރީމް ކޯޓުން އަންނަ ސިޓީއަކަށް މަޑުޖައްސާލަނީ." މެމްބަރު މޫސާ ސިރާޖު ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޖޭއެސްސީގެ މެމްބަރު މަސްތޫރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ސިޓީއާ ގުޅިގެން އޭރު ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ހިނގާފައި ނެތުމަކީ ޖޭއެސްސީގެ މައްސަލައެއް ކަމަށެވެ.

މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރާ ބެހޭގޮތުން ރައްޔިތުންގެ ފަރާތުން ސުވާލު އަންނަ ކަމަށެވެ. އެއް ބެންޗަކުން އެއް ފަނޑިޔާރުން ނެރޭ އަމުރު ދެވަނަ ފަހަރަށް ހަމަ އެ ބެންޗުން ބާތިލުކުރުމަކީ ފަނޑިޔާރުންގެ ފެންވަރުގެ މައްސަލައެއް ކަމަށް ގަބޫލުފުލު ކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

comment ކޮމެންޓް