ނަޝީދަށް މަހަކު 245،125 ރުފިޔާ، ބައެއް އުނިކުރަން އެދިވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނަށް މަޖިލީހުގެ ރައިީސްގެ މުސާރަ އާއި އިނާޔަތުގެ އިތުރަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ވެސް އިނާޔަތް ލިބިވަޑައިގަންނަވާ. -- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެން ނަންގަވާނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިލައްވާ އިނާޔަތުގެ ފައިސާގެ ތެރެއިން ބައެއް ކަމަށް އެމަނިކުފާނު ނިންމަވައި އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ކުރީގެ ރައީސްގެ އިނާޔަތް

  • މާލީ އިނާޔަތް: 75،000 ރުފިޔާ
  • އެކޮމޮޑޭޝަން: 10،000
  • އޮފީސް ހިންގުމަށް: 87،000

ރައީސް މުހައްމަދު ނަޝީދު 19 ވަނަ މަޖިލީހުގެ ރައީސަށް ވެވަޑައިގަތުމާއެކު އެމަނިކުފާނަށް މަޖިލީހުގެ ރައީސްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާނެ އެވެ.

އެހެން ކަމުން ދައުލަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ކޮންމެ މަހަކު ވެސް ދޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ 245،125 ރުފިޔާއަށް އަރަ އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދު މިހާރު ފިނޭންސް މިިނިސްޓްރީއަށް އަންގަވާފައި ވަނީ، އެމަނިކުފާނަށް ދެއްވާ މާލީ އިނާޔަތްތަކުގެ ތެރެއިން، ކުރީގެ ރައީސްއަށް ދޭ މާލީ އިނާޔަތްތައް ކަމަށްވާ، 75،000 ރުފިޔާއާއި އެކޮމޮޑޭޝަން އިނާޔަތުގެ 10،000 ރުފިޔާ އުނިކުރުމަށް ކަމަށެވެ.

"މަޖިލީހުގެ ރައީސް ފިނޭންސް މިނިސްޓްރީއަށް މިހާރު އަންގަވާފައި ވަނީ، ކުރީގެ ރައީސްގެ އިނާޔަތުގެ ތެރެއިން ބޭނުންފުޅު ވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީ އެކަނި ކަމަށް،" ނިއުޝާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު "ސަން"އަށް ވިދާޅުވީ މި މަސް ނިމޭއިރު ނަޝީދަށް އެލަވަންސް ދޭ އިރު އެ އެދިވަޑައިގެންފައިވާ ކަންތަކަށް ރިއާޔަތްކުރާނެ ކަމަށެވެ. އެހެން ނަމަވެސް އާންމު އުސޫލަކީ، ގާނޫނަކުން ވަކި ފަރާތަކަށް އެލަވަންސް ދޭން ކަނޑައަޅާފައި އޮންނަ ނަމަ، ގާނޫނަށް ބަދަލު ނުގެންނަހާ ހިނދަކު އެ އެލަވަންސް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގަތް ގޮތަށް، އެމަނިކުފާނަށް ލިބިލައްވާ ކުރީގެ ރައީސްގެ އެލަވަންސުން ބައެއް އުނިކޮށްފި ނަމަ، ދެން ރައީސް ނަޝީދަށް މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި ދައުލަތުން ލިބޭނީ ޖުމްލަ 160،125 ރުފިޔާ އެވެ.

comment ކޮމެންޓް