ކަނޑު ހޫނުވެ، ކަނޑުގެ 17 ޕަސަންޓު ދިރުންތައް ނެތި ގޮސްފާނެ: ދިރާސާ

ސައިންސުވެރިން ވަނީ މިގަރުނު ނިމޭ އިރު، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ 17 ޕަސެންޓު ނެތިގެންގޮސްދާނެ ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

ދުނިޔޭގެ ކަނޑުތައް ހޫނުވަމުން ދިޔުމުގެ ސަބަބުން، މިގަރުނު ނިމޭ އިރު ކަނޑުގެ 17 ޕަސެންޓު ދިރުންތައް ނެތިގެންގޮސްފާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މެރިން ބަޔޮލޮޖިސްޓުންގެ ބައިނަލްއަގުވާމީ ޓީމަކުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކަނޑުގެ ހޫނުމިން އިތުރުވާ ކޮންމެ ސެލްސިއަސްކަށް، ފަސް ޕަސެންޓު މަހާއި އެހެނިހެން ކަނޑުގެ ދިރުންތަކުގެ ބަޔޯމާސް ނެތިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ އަދި މަސް ބޭނުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ މިންވަރަށް އަންނަ ބަދަލު ނުހިމަނާ ހަދާފައިވާ އަންދާޒާއެކެވެ.

އެހެންކަމުން މިހާރު ދުނިޔޭގެ ޖައްވަށް ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރަށް މުސްތަގުބަލުގައިވެސް ކުރިއަށްދާ ނަމަ، 2100 ވަނަ އަހަރު އަންނަންވާ އިރަށް ކަނޑުގެ 17 ޕަސެންޓު ދިރުން ނެތިގެންދާނެ ކަމަށް ސައިންޓިފިކް ޖާނަލް، ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކެޑެމީ އޮފް ސައިންސެސްގައި ޝާއިއުކުރި ދިރާސާގައި ވެއެވެ.

އެދި ރާސާގައި ބައިވެރިވި މެރިން ބަޔޮލޮޖިސްޓު ވިލިއަމް ޗަންގް ވިދާޅުވި ގޮތުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ އިތުރުން، އޭގެ ނަތީޖާއެއްގެ ގޮތުން ކަނޑުގެ އެސިޑިޓީ އިތުރުވެ އޮކްސިޖެން މަދުވުމަކީވެސް ދިރުންތަކަށް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ.

އަދި ބައޮލޮޖީ ޕްރޮފެސާ ޖޫލިއާ ބައުމް ވިދާޅުވި ގޮތުގައި ކަނޑުތަކަކީ ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ބޭނުން ކުރާ ކާނާ އާއި އަދާ ކުރާ ވަޒީފާތަކާ ގުޅިފައިވާ އެއްޗެއް ކަމުން، ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އެތައް މައްސަލަތަކަށް މަގުފަހިވާނެ އެވެ.

"މިގަރުނުތެރޭ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކާއި ކާނާ ލިބުމާ ގުޅުން ހުރި އާ މައްސަލަތަކަށް މަގުފަހިވުން އެކަށިގެންވޭ،" ޕްރޮފެސާ ބައުމް ވިދާޅުވިއެވެ.

ސައިންސުވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކަނޑުގެ ދިރުންތަކަށް ކުރާނެ ކަމަށް މީގެ ކުރިންވެސް ކޮމްޕިއުޓާ ސިމިއުލޭޝަންތަކުން ދައްކާފަ އެވެ. ނަމަވެސް މި އާ ދިރާސާ ހަދާފައި ވަނީ ކުރީގެ ދިރާސާތަކާ ހިލާފަށް، ޒަމާނީ އަދި ތަފާތު ހަ ކޮމްޕިއުޓާ މޮޑެލް ބޭނުންކޮށްގެން ކަމަށް ޗަންގް ވިދާޅުވި އެވެ.

comment ކޮމެންޓް