އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މެދު) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ދެންމެ ނެރުނު ވަގުތީ އަމުރެއްގައި ބުނެފައި ވަނީ އެގޮތަށް އަމުރު ނެރުނީ އަބްދުﷲ ދީދީ އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާތީ ކަމަށެވެ.

އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އޭނާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

މީގެއިތުރުން އެ މައްސަލަ އަކީ ގާނޫނު އަސާސީގެ އަށް ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް އަދި ގާނޫނު އަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖްރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

ރައީސް ނަޝީދު ހުށަހެޅިފައިވާގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަލައިގަނެ، އެ ކޮމިޝަނުން ބަލައި އޭގެމައްޗަށް ގޮތްނިންމައި އޭގެމައްޗަށް ގޮތް ކަނޑައެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލާގައި އެދިފައިވެއެވެ.

އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް އޭނާ ހުށަހެޅުއްވި މައްސަލާގައިވެއެވެ.

އެހެންކަމުން އެ މައްސަލަ ބަލައި ހުކުމެއް ކުރަންދެން އަބްދުﷲ ދީދީ ގޭގައި މަޑުކުރަން އެންގި އެންގުން ތަންފީޒު ކުރުން ފަސްކުރުމަށާއި ޖޭއެސްސީއަށް ރައީސް ނަޝީދު ހުށަހެޅި މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެ ކޮމިޝަނުން ކުރިއަށް ނުގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް