ޕީޖީގެ އިތުބާރު ނެތް ކަމަށް ނިންމަން މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި

ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގެ މައުލޫމާތު ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެއަރިހަށް މިއަދު ދިޔަ ފުލުހުންނަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، ޕީޖީ އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ފުލުހުންގެ ޓީމެއް ޕީޖީ އަރިއަހަށް މިއަދު ދިޔައީ ފުލުހުން ޣައްސާން މައުމޫންގެ މައްޗަށް ހުށަހެޅި ދައުވާއާ ގުޅިގެން އަދި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކްމާ ގުޅޭ ގޮތުން ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ޕީޖީ މާނަކުރައްވާ ގޮތެއް ބެއްލެވުމަށް ކަމަށާއި ނަމަވެސް ޕީޖީގެ އެއްބާރުލެއްވުން ނުލިބުނު ކަމަށެވެ.

ޒުހައިރު ވިދާޅުވީ ޕީޖީ ދެއްކެވީ އޭނާ ކުރިން ތަހުގީގު ކުރެއްވުމަށް ފުލުހުންނަށް ހުށަހަޅުއްވާފައިވާ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ މައްސަލައަކާއި އަދި އެ ނޫނަސް އެފަދަ އެތައް ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ވަރަށް "ޖަޒުބާތާ އެކު" ދެއްކެވުމަށް ފަހު ފުލުހުން ޕީޖީ އޮފީހުން ނުކުންނަވަން އެންގެވި ކަމަށެވެ. އަދި ޒުހައިރު ވިދާޅުވީ ފުލުހުންނާ ޕީޖީ އެ ވާހަކަ ދެއްކެވުނީ ގޯހުން ކަމަށް ޕީޖީ ފުލުހުން އަރިހު ވިދާޅުވި ކަމަށާއި އަދި އެއީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އަރިހު ދައްކަވަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

ފުލުހުންގެ ޓީމެއް ޕީޖީ އަރިހަށް މިއަދު ދިޔަތޯ ދެންނެވުމުން މުއިއްޒު ވިދާޅުވީ އެކަމަށް އަދި ޖަވާބެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް މަގާމުން ވަކިކޮށްފާނެތީ "ކުޑަކޮށް ވެސް ކަންބޮޑުވެ ޖެހިލުން ނުވާ" ކަމަށެވެ.
ޕީޖީ އަރިހަށް ދިޔަ ފުލުހުންގެ ޓީމަކާ ދޭތެރޭ، ޕީޖީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައިވޭތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އޭނާ ޖެހިވަޑައިގަންނަވާނީ އެކަން "ބަލާލަން" ކަމަށާއި ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ މިއަދު ކެބިނެޓް ހިނގަމުން އަންނަ ކަމަށާއި އަދި އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ އާ ވެސް އެވަގުތުގެ ތެރޭގައި ބައްދަލުވި ކަމަށާއި ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ފޮނުއްވަން ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ޒުހައިރު ވިދާޅުވީ ޕީޖީގެ އިތުބާރުގެ މައްސަލަ މިއަދު ވެސް މަޖިލީހަށް ފޮނުއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޕީޖީގެ އިތުބާރުގެ މައްސަލައެއް ސަރުކާރުން ފެންމަތިކޮށްފައި މިވަނީ، ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓްކައިރީގައި އެމްޑީޕީ މީހުން މުޒާހަރާކުރި އިރު، ފުލުހުން އަމަލުކުރި ގޮތް ބަލައި ޕީޖީ އަށް މާދަމާގެ ކުރިން އެންގުމަށް ފުލުހުންނަށް ޕީޖީ އަންގަވާފަައި ވަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު