އެސްއެމްއީ ބޭންކުން 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ތައްޔާރު

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިން 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެސްޑީއެފްސީ އުފެއްދިފަހުން މިހާތަނަށް 250 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.

އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ލޯނުގެ ގޮތުގައި 2 މިލިއަން ރުފިޔާ ދޫކުރެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރު ދެއެވެ.

މިހާރު ކުރިއަށްގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަން ބޭނުންވާ ލޯނުވެސް އެސްޑީއެފްސީ އިން ދޫކުރެއެވެ. މިގޮތުން އެއް އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރުން ދައްކާ ގޮތަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނު މި ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރެ އެވެ.

އެސްޑީއެފްސީ އިން ދެން ލޯނު ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ ހަރު މުދާ ގަތުމަށާއި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އަދި ކުދި ވިޔަފާރިތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި މާލީ އެހީ ލިބޭނެ ގޮތަކަށް އަދި ގެސްޓުހައުސް ވިޔަފާރި ފެށުމަށާއި އެ މަސައްކަތް ކުރި އެރުވުމަށެވެ.

comment ކޮމެންޓް