ލަންކާގައި ހަމަލާ ދިން މީހުންނަށް ޑިފެންސް މިނިސްޓްރީން ހަރަދުކުރި

ލަންކާގައި ހަމަލާ ދިން މީހުންނަށް ޑިފެންސް މިނިސްޓްރީން ހަރަދު ކުރި ކަމަށް ކުރީގެ ގަވަރުނަރަކު ވަނީ ވިދާޅުވެފަ -- ފޮޓޯ/ އޭޕީ

ކޮލަމްބޯ (ޖޫން 13): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ހަމަލާތައް ދިން މީހުންނަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ހަރަދު ކުރި ކަމަށް އެ މައްސަލަ ބަލަމުންދާ ޕާލިމެންޓަރީ ކޮމިޓީގައި މުސްލިމް ލީޑަރަކު ބުނެފި އެވެ.

މިދިޔަ ހަފްތާގައި ލަންކާގެ ވެސްޓަން ޕްރޮވިންސުގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވި އަޒަތު ސަލޭ ވިދާޅުވި ގޮތުގައި އޭނާ ވަނީ، ހަމަލާ ދިން ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ)އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ގާތުގައި މީގެ ކުރިން ތަކުރާރުކޮށް އެދިފަ އެވެ.

"ޑިފެންސް މިނިސްޓްރީން ތައުހީތު ޖަމާއަތަށް ފައިސާ ދިން. ފުލުހުން އެޖަމާއަތާއެކު ގާތުން މަސައްކަތް ކުރި،" ޕާލިމެންޓަރީ ސެލެކްޓް ކޮމިޓީ (ޕީއެސްސީ)ގައި ސަލޭ ވިދާޅުވި އެވެ.

ސަލޭ އިތުރަށް ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރާ ޖެހެންދެން އެގައުމުގައި އޮތް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ އަސްކަރީ ޖާސޫސުން މެދުވެރިކޮށް ތައުހީތު ޖަމާއަތަށް ހަރަދުކޮށްފަ އެވެ. އަދި މިހާރު އޮތް ސަރުކާރުން ވެސް ފަހުން ހަމަ އެގޮތަށް އަމަލު ކުރަން ފެށި އެވެ.

ސަލޭ ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކަށްވީ އެހެން ޖަމާއަތްތަކަށް ޖާސޫސު ކުރުމެވެ. އަދި އޭނާ ވަނީ ހަމަލާތައް ދިނުމުގެ ހަފްތާއެއް ކުރިން ގައުމުގެ އިސް ޑިފެންސް އޮފިޝަލުންނާ ބައްދަލު ކުރައްވާ، ހައްދުފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ މުސްލިމުންނާއި އޭގެ ނުރައްކާތަކާ ބެހޭ ގޮތުން އޮފިޝަލުންނާ ވާހަކަ ދައްކަވާފަ އެވެ.

"އަހަރެން ދިން މައުލޫމާތަށް ބިނާކޮށް ފުލުހުން އޭރު ފިޔަވަޅު އެޅި ނަމަ ހަމަލާތައް ހުއްޓުވުނީސް،" ސަލޭ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޕީއެސްސީގައި ހެކިބަސް ދިން ޑިފެންސް އޮފިޝަލުންނާއި ފުލުހުން ވަނީ ހަމަލާ ދީފާނެ ކަމުގެ އިންޒާރު ލިބުނު ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށް ބުނެފަ އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ޕީއެސްސީއަށް އެއްބާރުލުން ދޭން ސިރިސޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި އެކޮމިޓީގައި ސީނިއާ އޮފިސަރުން ހެކި ބަސް ނުދިނުމަށް އެދިފަ އެވެ. ނަމަވެސް އެކޮމިޓީން އަންގައިގެން ހާޒިރު ނުވާ ސަރުކާރުގެ މުވައްޒަފުން ގިނަވެގެން 10 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ޕާލިމެންޓުން ވަނީ ބުނެފަ އެވެ.

ސިރިސޭނާ އާއި ވިކްރަމަސިންހަ ވެސް ވަނީ އޭޕްރިލް 21ގައި ހަމަލާތައް ދޭން އުޅޭކަން ކުރިން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އެހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

comment ކޮމެންޓް