ޗުއްޓީގައި ތިއްބަވާ ފަނޑިޔާރުން ޝަރީއަތް ކުރުމަކީ އާންމު އުސޫލެއް: ހައިކޯޓް

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ހައިކޯޓްގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވި ނަމަވެސް މުހިންމު ޝަރީއަތްތަކުގެ މަޖިލީހަށް ވަޑައިގަތް، ހުކުމް އިއްވުމަކީ އާންމުކޮށް އަމަލު ކުރަމުން އަންނަ އާދައިގެ އުސޫލެއް ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތަކެއް ހައިކޯޓުން ބާތިލް ކުރީ، އެ ކޯޓްގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ޗުއްޓީގައި ހުންނަވައިގެން ކޯޓަށް ނިކުންނަވައި ކަމަށް ބުނެ ޖުޑީޝަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީއަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް އެކަމަށް ހާއްސަ ކުރަން ޖެހޭ މީހެއް ކަމަށެވެ. އަދި، ކޯޓުގައި ހުކުމެއް ކުރަން ޖެހޭ ޝަރީއަތެއްގައި ނުވަތަ ވަކި އަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިސަލާކުރެވެން ނެތް ކަމަށް ބެލެވޭ ހާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިއަސް، މައްސަލައެއްގެ ހުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ހާޒިރުވެވޭނެ ފަދަ ހާލަތެއްގައި ހުރި ނަމަ، އެ ޝަރީއަތެއް ނިންމެވުމަށް ބާއްވާ ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތީން އަމަލުކުރުމަށް 2011، ޖޫން، 30 ގައި އެ ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"އިސްވެ އިޝާރާތްކުރެވުނު ނިންމުން ނިންމި ފަހުން މިއަދާ ހަމަޔަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ހުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން،" ހައިކޯޓްގެ ބަޔާނުގައިވެ އެވެ.

އެ ކޯޓުން އަދި ބުނީ، އެކަމާ ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި ފަތުރާ ހަބަރުތަކާ ގުޅިގެން އާންމުންނަށް ހަގީގަތް އޮޅެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް