އެމެރިކާގައި ތިން މުސްލިމް ދަރިވަރުން މަރާލި މީހާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ކްރެއިގް ހިކްސް ވަނީ ތިން ދަރިވަރުން މަރާލި ކަމަށް އިއުތިރާފުވެފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖޫން 13): އެމެރިކާގައި ޔުނިވާސިޓީ އޮފް ނޯތު ކެރޮލައިނާ (ޔޫއެންސީ) ކައިރީ 2015 ވަނަ އަހަރު ތިން މުސްލިމު ދަރިވަރުން މަރާލި މީހާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކްރެއިގް ހިކްސް ވަނީ 10 ފެބްރުއަރީ 2015ގައި އޭނާގެ އަވަށްޓެރިން ކަމަށްވާ 23 އަހަރުގެ ދިއާ ބަރަކަތު އާއި އޭނާގެ އަންހެނުން 21 އަހަރުގެ ޔުސޫރު މުހައްމަދު އަދި ޔުސޫރުގެ 19 އަހަރުގެ ކޮއްކޮ ރަޒަން މުހައްމަދު ސަލްހާ މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެމައްސަލަ ފެށުނީ އެމީހުންގެ ގެ ކައިރީ އޮންނަ ކާރު ޕާކު ކުރާ ޖާގައަކާ ބެހޭ ގޮތުން ދެބަސްވުން އުފެދިގެންނެވެ. އެގޮތުން ހިކްސް އެތިން ދަރިވަރުން އުޅޭ ގެޔަށް ގޮސް، އޭނާގެ ކާރު ޕާކު ކުރާ ޖާގަ ނެގި ކަމަށް ބުނެ ބަރަކަތުއާ ޒުވާބު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކޯޓުގައި ދައްކާފައިވެ އެވެ.

ކްރެއިގް ހިކްސް މަރާލި ތިން ދަރިވަރުން -- ފޮޓޯ: ރޮއިޓާސް

އެވީޑިއޯ އިން ފެންނަ ގޮތުގައި ބަރަކަތު ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ނަމަވެސް ހިކްސް ވަނީ ރުޅިގަދަވެ، ބަރަކަތު އާއި އޭނާގެ އަންހެނުންނާއި ކޮއްކޮގެ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ. އޭރު ބަރަކަތު އަކީ ޔޫއެންސީގައި ޑެންޓިސްޓްރީ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އަދި ޔުސޫރުވެސް ޑެންޓަލް ސްކޫލަށް ދާން ތައްޔާރުވަމުން ދިޔަ އިރު ރަޒަން އަކީ އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

އެތިން ދަރިވަރުންނަކީ ވެސް ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. އަދި އެމީހުން ދިޔައީ އެ އަހަރު ތުރުކީއަށް ގޮސް، އެގައުމުގައި ތިބި ރެފިއުޖީންނަށް އެހީވުމަށް ޑެންޓަލް ކްލިނިކެއްގައި ހިލޭ މަސައްކަތް ކުރަން ތައްޔާރުވަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޔުސޫރު އާއި ރަޒަންގެ އާއިލާއިން ވަނީ ހިކްސް އެހަމަލާ ދިނީ އޭނާ މުސްލިމުންނަށް ކުރާ ނަފްރަތުގެ ސަބަބުން ކަމަށް ބުނެފަ އެވެ. އަދި ދެދަރިވަރުންގެ ބައްޕަ ވަނީ އެމީހުން ބުރުގާ އަޅާތީ ހިކްސް މީގެ ކުރިން ނަފުރަތުގެ ބަސްތައް ބުނެފައިވާ ކަމަށް ޝަރީއަތުގައި ބުނެފަ އެވެ.

comment ކޮމެންޓް