ލިއޮންގެ ޑިފެންޑަރު ފާލޭންޑް މެންޑީ ރެއާލަށް ސޮއި ކޮށްފި

ލިއޮންގެ ސެންޓާ ބެކް ފާލޭންޑް މެންޑީ --- ފޮޓޯ/ޕީޓާ ހެންސަން

ފްރާންސްގެ ލިއޮން ސެންޓާ ބެކަށް ކުޅެމުން އަންނަ ފާރލޭންޑް މެންޑީ 48 މިލިއަން ޕައުންޑްގެ އަގަކަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއެ ކޮށްފި އެވެ.

ނިމިގެން މިދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމީޔާބީއާ އެކު ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މީގެ ކުރިން ވެސް ބުނެފަ އެވެ. އެގޮތުން މިހާތަނަށް އެ ކުލަބުން ވަނީ ފަސް ކުޅުންތެރިއެއް އެ ކުލަބަށް މި ޓްރާންސްފާ މާކެޓުގައި އެކަނި ވެސް ގެންގޮސްފަ އެވެ.

އަލަށް ސޮއެ ކުރި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު އެ ކުލަބުގައި ތިބި ބައެއް ކުޅުންތެރިން ކުލަބު ދޫކޮށް ދާން ޖެހޭ އިރު އެ ޓީމުގެ ކީޕަރު ކޭލޯ ނަވާސް އަދި ގެރެތު ބޭލްގެ އިތުރުން އިސްކޯ ވެސް އަންނަ ސީޒަނުގައި ރެއާލުން ފެނުމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. ސަބަބަކީ ކުޅުންތެރިން ގަނެ ވިއްކުމުގައި ގެންގުޅޭ ފައިނަންޝިއަލް ފެއާ ޕްލޭގެ އުސޫލުން ވިއްކާ ކުޅުންތެރިންނާއި ގަންނަ ކުޅުންތެރިން ބެލެންސް ވާން ޖެހޭތީ އެކުޅުންތެރިންގެ މަގުބޫލުކަން ކުލަބުން ނުފެންނާތީ އެވެ.

ރެއާލް މެޑްރިޑުން ރޭ ސޮއެ ހޯދި މެންޑީ ވަނީ ނިމިގެން މިދިޔަ ސީޒަނުގައި ލިއޮންއަށް ފްރާންސް ލީގުގައި 24 މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ މިދިޔަ ނޮވެމްބަރު މަހު ފްރާންސްގެ ގައުމީ ޓީމަށް ޑެބިއުޓް ކުރި ފަހުން ހަތަރު މެޗެއް މިހާތަނަށް ކުޅެފަ އެވެ.

މެންޑީގެ އިތުރުން ރެއާލް މެޑްރިޑުން ސޮއެ ހޯދި އިތުރު ކުޅުންތެރިންނަކީ މަޝްހޫރު ފޯވާޑް އެޑެން ހަޒާޑާއި އެޑާ މިލީޓޯ އަދި ލޫކާ ޖޮވިޗްގެ އިތުރުން ރޮޑްރިގޯ އެވެ.

މީގެ އިތުރުން ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާއްޕޭ އަދި ޕޯލް ޕޮގްބާ ހޯދަން ވެސް ރެއާލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ލޯނުގެ އެއްބަސްވުމަށް އެކުލަބުން ދޫކޮށްފައިވާ ބައެއް ކުޅުންތެރިން ވެސް ކުލަބަށް އަނބުރާ ގެންނަން ރެއާލުން ވަނީ ބޭނުން ވެފަ އެވެ.

comment ކޮމެންޓް