ގްރީން ފަންޑުން 23 މަޝްރޫއަކަށް 89 މިލިއަން ރުފިޔާ

މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ، ގްރީން ފަންޑް މެދުވެރިކޮށް މިއަހަރުގެ ހަތަރު މަސް ނިމުނު އިރު، 23 މަޝްރޫއެއް ހިމެނޭ ގޮތުން ޖުމްލަ 88.83 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީއިން މަހަކު އެއްފަހަރު އާންމު ކުރަމުން އަންނަ ގްރީން ޓެކުހުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަސް ނިމުނު އިރު ގްރީން ފަންޑްގައި ހުރީ 235.93 މިލިއަން ރުފިޔާ އެވެ. އަދި އެ ފަންޑަށް މިއަހަރުގެ މިހާތަނަށް 324.76 މިލިއަން ރުފިޔާ ޖަމާކުރި އިރު އެޕްރީލްގެ ނިޔަލަށް އެ ފަންޑުން ހަރަދުކޮށްފައި ވަނީ، 88.83 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ ގްރީންޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަކަށެވެ.

މިވަގުތު ގްރީންފަންޑުން ހިންގާ މަޝްރޫއުތަކުގެ ޖުމްލަ އަގު 40.96 މިލިއަން ރުފިޔާއަށް އަރަ އެވެ. ޖުމްލަ 23 މަޝްރޫއަކަށް މިވަގުތު އެ ފަންޑުން ހަރަދުކުރާއިރު، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުތަކެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ 17 މަޝްރޫއަކަށް ހަރަދުކުރާއިރު އެ ފަންޑުން މިހާރު ހިންގާ އެންމެ އަގުބޮޑު މަޝްރޫއަކީ ކ. ކާށިދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫ އެވެ. އެގޮތުން އެ މަޝްރޫއަށް އެކަނި ގްރީން ފަންޑުން 11.32 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ދެން އެ ފަންޑުން ހަރަދު ކުރަނީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ކުނި ނައްތާލުމާއި ފެން ހިންދުމުގެ ނިޒާމުތައް ގާއިމް ކުރުން އަދި ފެން ލޮނުވެފައިވާ ރަށްރަށުގައި ސާފު ބޯފެން ލިބޭނެ ނިޒާމުތައް ގާއިމް ކުރުމަށެވެ.

އެގޮތުން ފުވައްމުލަކާއި ތ. ގުރައިދޫގެ ގޮނޑުދޮށް ހިމާނަތް ކުރުމުގެ މަޝްރޫއުތައް ހިންގަނީ މި ފަންޑުން އެވެ. އަދި ހޫނު މޫސުމުގައި ރަށްރަށަށް ފެން ފޯރުކޮށް ދިނުމަށް ހަރަދު ކުރަނީ ވެސް މިހާރު މި ފަންޑުން އެވެ. އެކަމަށް 678،542 ރުފިޔާ އެ ފަންޑުން ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ އެޕްރީލް މަހު އެކަނި ގްރީންޓެކުހުގެ ގޮތުގައި ވަނީ، 83.61 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަ އެވެ. މާލެ އަތޮޅަށް ފަހު ދެން އެންމެ ގިނައިން ގްރީންޓެކުހުގެ އާމްދަނީ ލިބެނީ އދ، ބ އަދި އއ އަތޮޅުން އެވެ.

އަތޮޅުތަކުން ގްރީންޓެކްސް:

- ކ. އަތޮޅު: 29.46 މިލިއަން ރުފިޔާ

- އދ އަތޮޅު: 9.1 މިލިއަން ރުފިޔާ

- ބ. އަތޮޅު: 7.87 މިލިއަން ރުފިޔާ

- އއ އަތޮޅު: 6.48 މިލިއަން ރުފިޔާ

ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި 75.09 މިލިއަން ރުފިޔާ ލިބުނު އިރު، ގެސްޓް ހައުސްތަކުން 3.38 މިލިއަން ރުފިޔާ ވަނީ މި ޓެކުހުން ލިބިފަ އެވެ. އަދި ސަފާރީ ބޯޓްތަކުން، 3.27 މިލިއަން ރުފިޔާ ގްރީންޓެކުހުގެ ގޮތުގައި ލިބުނު އިރު ހޮޓާތަކުން ވަނީ 1.86 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ އެވެ. ގެސްޓް ހައުސްތަކުގައި ތިބޭ ޓޫރިސްޓުން އަތުން 2016 އިން ފެށިގެން ގްރީން ޓެކްސް ނަގަން ފެށިއިރު ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން އަތުން ގްރީން ޓެކްސް ނަގަން ފެށީ 2015ގަ އެވެ.

ގްރީންޓެކުހުގެ އާމްދަނީގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޖުމްލަ، 402.43 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ 4.8 ޕަސެންޓެވެ.

comment ކޮމެންޓް