ރޮނާލްޑޯ އާއި މެސީ ފަދަ މޮޅު ކުޅުންތެރިއަކަށް ބަލޮޓެލީ އަށް ވެވޭނެ: މަންޗިނީ

މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ދުނިޔާގެ އެންމެ މޮޅެތި ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއް ފެންވަރަށް އެރޭނެ ކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ. މަންޗިނީ މިހެން ބުނެފައިވަނީ އިއްޔެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ 6-1 ލަނޑުން މޮޅުވި މެޗުގައި ބަލޮޓެލީ ޓީމަށް ކާމިޔާބު ކޮށްދިން ދެލަނޑަށް ފަހު އެވެ.

އުމުރުން 21 އަހަރުގެ ބަލޮޓެލީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން ދެއެވެ. މިދިޔަ ސީޒަނުގައި ގިނަ ފާޑު ކިއުންތަކެއް އަމާޒުވި ބަލޮޓެލީ ވަނީ އިއްޔެރޭ މެންޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ މެންސިޓީ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

"ބަލޮޓެލީ ގެ ފުޓުބޯޅަ ކުޅުމާއި މެދު ވާހަކަ ދައްކަންޏާ ބުނެވޭނީ، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކޭ. ބަލޮޓެލީ އަށް ރޮނާލްޑޯ އާއި މެސީ ފަދަ މޮޅު ކުޅުންތެރިއަކަށް ވެވޭނެ. މައްސަލައަކީ އޭނާ އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ކަން. އެ އުމުރުގައި ކުށްތަކެއް ކުރެވޭނެ ކަން އަހަރެން ގަބޫލުކުރަން. އެހެން ނަމަވެސް އޭނާ އަކީ ރަނގަޅު ކުއްޖެއް. އޭނާގެ ކުޅުމާމެދު އަހަރެން ހިތްހަމަ ޖެހޭ." ކޯޗް މަންޗިނީ ބުންޏެވެ.

އިޓަލީ ވިލާތަށް އުފަން ބަލޮޓެލީ، 2010 ވަނަ އަހަރު މެންޗެސްޓާ ސިޓީ އާއި ގުޅުނީ އިންޓަމިލާނަށް ތިން އަހަރު ދުވަހު ކުޅުމަށް ފަހު އެވެ. އިންޓަމިލާނަށް ކުޅުނު 59 މެޗުން ބަލޮޓެލީ ވަނީ ވިހި ގޯލު ކާމިޔާބު ކޮށްފައެވެ. އިޓަލީގެ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ބަލޮޓެލީ ވަނީ އެގައުމުގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު