އަދީބު ފިލައިފި ނަމަ އެއީ މުޅި ސަރުކާރު ފެއިލްވުން: އިމްރާން

މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން: އޭނާ ވިދާޅުވީ، އަދީބު ފިލިއިފި ނަމަ އެއީ މުޅި ދައުލަތް ފެއިލްވުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫފރު ބޭސްފަރުވާއަށް އިންޑިއާއަށް ކުރައްވާ 12 ދުވަހުގެ ދަތުރުފުޅުގައި އޭނާ ފިއްލަވައިފި ނަމަ އެއީ މުޅި ދައުލަތް ފެއިލްވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދީބު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލަން އިއްޔެ ކަރެކްޝަންސް އިން ނިންމުމާ ގުޅިގެން އޭނާ އަށް ފިލުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ ހަތަރު މުއައްސަސާއެއްގެ އިސްވެރިން މިއަދު ހަވީރު، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ބޭރަށް ފުރުމާއި "މުޅި އޮޕަރޭޝަން" ހިންގަނީ ފުލުހުންނާއި ކަރެކްޝަންސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށާއި ކޮންމެ މުއަސަސާއަކަށްވެސް ގާނޫނުން އެ މުއަސަސާއެއްގެ ޒިންމާއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެތިން މުއައްސަސާއިން އަދީބު ފިލުމުގެ ފުރުސަތު ދިނުުމުގައި އެއްވެސް އިހުމާލެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ފެއިލްވުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ސަރުކާރު ފެއިލްވުން. އެފަދަ ހާލަތެއް މިންވަރު ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން،" އަދީބު ފިލައިފި ނަމަ ޒިންމާވާނީ ކޮން ފަރާތަކުންތޯ ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސާ ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވިއެވެ.

ޖޫން 12، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމްރާން ވިދާޅުވީ، އަދީބު ފިލައިފި ނަމަ ބަލަން ޖެހޭނީ ކޮން ފަރާތެއްގެ އިހުމާލުންތޯ ކަމަށާއި އެއަފަހު އެފަރާތަކުން އިހުމާލުވެއްޖެ ނަމަ ޒިންމާވާން ޖެހޭނީ އެފަރާތަކުން ކަމަށެވެ.

"އެއީ އަޅުގަނޑު ނަގަން ޖެހޭ ޒިންމާއެއް ކަމުގައިވާނަމަ އަޅުގަނޑު އެ ޒިންމާއެއް ނަގާނަން،" އިމްރާން ވިދާޅުވިއެވެ.

އަދީބަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އެ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ވަރަށް ރަނގަޅަށް ހަމަޖައްސާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ ދުވަސް ތެރޭވެސް އެއްވެސް ކަހަލަ އިންތިޒާމްތަކަށް ބުރުލެއް އަރާނަމަ އަދީބުގެ ދަތުރު ކެންސަލް ކުރުމުގެ އިޚްތިޔާރު އަޅުގަނޑުމެންނަށް ލިބިގެންވޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އޭނާ ފުރުވާލަން ނިންމީ ރާއްޖެ އިން ބޭސްފަރުވާ ކުރެވެން ނެތިގެން ކަމަށެވެ. ބޭރުގެ ޑޮކްޓަރަކު ގެނެސްގެން ފަރުވާ ދޭން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ ޑޮކްޓަރުގެ ވެސް ލަފައަކަށް ވީ ބޭރުން ފަރުވާ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/120315

މުޅި އޮޕަރޭޝަންގައި ހަތް މީހުން!

ޖޫން 12، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބަށް ފިލުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އިމްރާން އެރުވިރު، ފުލުހުންގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އެ ޔަގީންކަން ދެއްވާފައެވެ.

ކޮމިޓީގައި ވާހަަކަ ދައްކަވަމުން ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ، އަދީބު ބޭސްފަރުވާ އަށް 13 ދުވަހަށް އިންޑިއާއަށް ފުރާ "އޮޕަރޭޝަންގައި" ޖުމްލަ ހަތް މީހަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެއީ ފުލުހުންގެ ތިން ބޭފުޅަކާއި ކަރެކްޝަންސްގެ ތިން ބޭފުޅުންނެވެ. އޭގެ އިތުރުން އެސިސްޓެންޓް ފުލުހުންގެ ރޭންކުގެ ބޭފުޅެއްވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަންސްގެ ތިން އޮފިސަރުން މި ޓީމްގައި ހިމެނިވަޑައިގަންނަވާނެ. އޭގެ އިތުރުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ލެވެލްގެ ފުލުހަކުވެސް ބައިވެރިވާނެ. ޖުމްލަ ހަތް މީހުން،" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ހަތް މީހުންގެ ތެރެއިން ދެ މީހަކު އެޑްވާންސް ޓީމްގެ ގޮތުގުގައި މާދަމާ އިންޑިއާއަށް ފުރާނެ ކަމަށެވެ. ހަތް މީހުންވެސް އަދީބު ރާއްޖެ ވަޑައިގަނަންނަވަންދެން އިންޑިއާގައި މަޑުކުރައްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ޖޫން 12، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ރާއްޖެއިން ބޭރަށް ދަނީ އެއް އަހަރުގެ ވަގުތީ ޓްރެވެލް ޑޮކުމަންޓެއްގައެވެ. އެ ޑޮކިއުމަންޓުން ފުރޭނީ ހަމައެކަނި އިންޑިއާއަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އޭގެތެރެއިން މިހާރު ބާކީ އޮތީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އައި 15 ދުވަހުގެ ޖަލު ހުކުމް އެކަންޏެވެ. ޖަލު ހުކުމުގައި ބަކީ އޮތް މުއްދަތަކީ ކޮބާތޯ ސުވާލު ކުރުމުން ކަރެކްޝަންސްއަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ.

https://sun.mv/120306

comment ކޮމެންޓް