ވައި ތަޣައްޔަރުކުރާ މާއްދާތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ޕްލޭން އިފްތިތާހްކޮށްފި

ވައި ތަޣައްޔަރުކުރާ މާއްދާތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ވައި ތަޣައްޔަރުކުރާ މާއްދާތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ޕްލޭނެއް އިފްތިތާހްކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްލޭން ލޯންޗްކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އިފްތިތާހުކުރި ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންޓްސް އަކީ، ވައި ތަޣައްޔަރު ކުރާ މާއްދާތަކުގެ މިންވަރު އަންދާޒާ ކޮށް، ރާއްޖޭގައި އެކުލަވާލެވުނު އެފަދަ އެންމެ ފުރަތަމަ ދިރާސާ ކަމަށެވެ.

އެ ޕްލޭންގައި ހިމެނޭ ބައިތަކުގެ ތެރޭގައި:

  • ވައި ތަޣައްޔަރު ކުރާ މާއްދާތައް ނުވަތަ ޕޮލޫޓަންޓް ތައް ވަކި ވަކިން ތަފްސީލު ކޮށްދީފައިވުން
  • ރާއްޖޭގައި ވައި ތަގައްޔަރު ކުރާ މާއްދާތައް ބޭރުކުރާ ސެކްޓަރ ތަކާއި، ކޮންމެ ސެކްޓަރ އަކުން ވަކި ވަކި މާއްދާތައް ބޭރުވާ މިންވަރު ދެނެގަނެ (އެމިޝަން ބޭސްލައިން އެއް ކަނޑައެޅުން)
  • އެ މާއްދާތައް މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ނަތީޖާ އެއްގެ ގޮތުން، އެ މާއްދާތައް ރާއްޖެއިން ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުވެގެންދާނެ ވަރު އަންދާޒާ ކުރުން (2030 ވަނަ އަހަރާއި ހަމައަށް)

އެ ޕްލޭންގައި ރާއްޖޭގައި ވައި ތަޣައްޔަރުުވުން މަދުކުރުމަށް ކުރަން މިހާތަނަށް ރޭވިފައި ހުރި މަސައްކަތް ތަކާއި މީގެ އިތުރުން ވެސް ކުރެވިދާނެ ބައެއް މަސައްކަތްތައް ބަޔާން ކޮށް އެ ޕްލޭން އިމްޕްލިމެންޓް ކޮށް މޮނިޓަރ ކުރެވިގެން ދާނެ ގޮތް ވެސް ވަނީ ހިމަނައިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެ މިނިސްޓްރީން، ސްޓޮކްހޯމް އެންވަޔަރަންމަންޓް އިންސްޓިޓިއުޓް ގެ ޓެކްނިކަލް އެހީއާއި، އަދި ކްލައިމެޓް އެންޑް ކްލީން އެއަރ ކޮއަލިޝަންގެ މާލީ އެހީއާއި އެކީގައެވެ. އޭގެ އިތުރުން ވައި ތަޣައްޔަރު ކުރާ މާއްދާތަކުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކުރުމަށް 'ބްރީތް ލައިފް' ކެމްޕެއިން ގެ ނަމުގައި ނެޝަނަލް އެވެއަނަސް ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖަންސީ އާ ގުޅިގެން މި އަހަރު ތެރޭގައި ހިންގުން ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް