"ސާފު ވަޔަށް ބައިސްކަލު"ގެ ނަމުގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބާއްވައިފި

"ސާފު ވަޔަށް ބައިސްކަލު"ގެ ނަމުގައި ކުރިއަށް ދިޔަ ބައިސްކަލު ހަރަކާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން "ސާފު ވަޔަށް ބައިސިކަލް" ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ބައިކް މޯލްޑިވްސް ގުޅިގެން ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ފަސް ވަނަ ދުވަސް ފާހަގަ ކުރެވެމުން ދަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދީ، އާއްމުންގެ މެދުގައި ބައިސްކަލު ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

މިއަދު ހަވީރު ހުޅުމާލޭ ފެރީ ޓާމިނަލުން އެ ހަރަކާތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވައި ތަޣައްޔަރުވާ މިންވަރު މާލެ ފަދަ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި އިތުރުވާކަމަށާއި މާލެ ސަރަހައްދުގައި މިހާރު 58 ހާސް އިންޖީނުލީ އުޅަނދު ރަޖިސްޓަރ ކޮށް ދުއްވާކަމަށެވެ.

"އަދި އެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މާލޭގެ ވައިގައި އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ވިހަ މާއްދާތައް ހިމެނޭ" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭ ފެރީ ޓާމިނަލުން ފެށުނު އެ ހަރަކާތް ނިންމާލާފައިވަނީ ސޯޝަލް ސެންޓަރަށެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައިގެ ތަގައްޔަރުކަން" މިއެވެ.

ދެހާސް ބާރަވަނަ އަހަރު، ޑީސަލް ދުމުން ބޭރުވާ އެގްޒޯސްޓަކީ ގްރޫޕް 1 ކާސިނޯޖެން އެއް ގޮތުގައި އިންޓަނޭޝަނަލް އޭޖަންސީ ފޮ ރިސާޗް އޮން ކެންސަރ (ނުވަތަ IARC) އިން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް