އަދީބުގެ ހުކުުމުން ބާކީ އޮތް ވަރު މަޖިލީހުން ސާފު ކުރަނީ

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: އަދީބުގެ ހުކުުމުން ބާކީ އޮތް ވަރު ސާފު ކުރުމަށް ކޮމިޓީން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޖަލު ހުކުމްތަކުގައި ބާކީ އޮތް މުއްދަތު އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިިޓީން މިއަދު ނިންމައިިފި އެވެ.

އަދީބުގެ ބަލި ހާލަތު ހުރި ގޮތުން އިއްޔެ ކަރެކްޝަންސް އިން ވަނީ އޭނާ ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާލުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން އޭނާ ފިލުމުގެ ފުރުސަތު އޮތްތޯ ބެލުމަށް މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކާ ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރީން ކޮމިޓީއަށް ހާޒިރު ކުރި އެވެ.

އެކި އެކި ކުށްތަކުގައި އަދީބަށް އައި 33 އަހަރުގެ ޖަލު ހުކުމް ކޯޓުތަކުން ވަނީ ބާތިލް ކޮށްފައެވެ. މިހާރު ބާކީ އޮތީ ހަމަ އެކަނި ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާ އަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ކުރީން ބެލެވުނު ގޮތުގައި އޭނާ އަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. ނަމަސް އޭނާ ރާއްޖެއިން ބޭރަށް ފުރުވާލުމަށް ނިންމުމާ ގުޅިގެން އޭނާ ޖަލު ހުކުމުގެ ބަކީ މުއްދަތާ މެދު ވަނީ ސުވާލު އެފެދިފައެވެ.

ކޮމިޓީގެ މެމްބަރު އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، އަދީބުއަށް ބާކީ އޮތް 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ މިހު 18 ވަނަ ދުވަހަށް ކަމަށެވެ. ނަމަވެސް އަދީބު މިހާރު ގޭ ބަންދުގައި ބަހައްޓާފައިވާތީ ވެ އެހުކުމް އޭނާގެ މައްޗަށް ނުހިނގާތީ އޭނާ އެދުވަހަށް މިނިވަން ނުވާނެ ކަމަށް މުނާޒު ވިދާޅުވިއެވެ.

"ޖަލުގައި ހުންނަ ގައިދީއަކު ބޭސްފަރުވާއަށް ޖަލުން ނެރޭ ވަގުތުން ފެށިގެން ހުކުމުގެ މުއްދަތު ހުއްޓާލެވޭނެ. މިސާލަކަށް އާއިލާގެ ބެލުމުގެ ދަށުގައި [މިހާރު] އެ ހުންނަނީ. ހުކުމުގެ މުއްދަތު އޮންނާނީ ހުއްޓިފައި އެހިސާބުން. ހުކުމުގެ ބާކީ ދުވަސްކޮޅު ގުނަން ފަށާނީ އަނެއްކާވެސް އަނބުރާ ޖަލަށް ގެންދިޔުމުން،" މުނާޒު ވިދާޅުވި އެވެ.

"ހުރި ހުކުމްތަކުގެ ޖުމްލަ އަދަދު، ސީދާ އެ ސުވާލު ކުރައްވާނެ ކަމަށް ނޫން ވަޑަައިގެންނެވީ، ނަމަވެސް މީޑިއާގައި ދައުރުވާ ދުވަސް [މާދަމާ އަދީބު މިނިވަންވާނެ ކަމަށް] އެއީކީ ރަނގަޅު ދުވަހެއް ނޫން،" ކޮމެޓީގެ މެންބަރުންނާއި މުގައްރިރު ތަކުރާރު ކޮށް ސުވާލު ކުރެއްވުމުން މުނާޒު ވިދާޅުވިއެވެ.

ޖޫން 12، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލިސް ކޮމިޓީގައި އަދީބު ޖަލު ހުކުމުގެ ބާކީ މުއްދަތު ސާފު ނުވާތީ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް އަދީބުގެ ޖަލު ހުކުމުގެ ބާކީ މުއްދަތު ސާފު ކުރުމަށް އެދި ސިޓީ އެއް ފޮނުވުމަށް މުގައްރިރު ނިންމެވި އެވެ.

ކޮމިޓީ ނިމުމުން އަދީބުގެ ހުކުމުގެ ބާކީ އޮތީ ކިހާ ދުވަހެއްތޯ ނޫސްވެރިން މުނާޒުއާއި ސުވާލު ކުރުމުން އޭނާ ޖަވާބު ދެއްވުމަށް އިންކާރު ކުރެއްވިއެވެ. އަދި އެކަން އެނގުމަކީ އަދީބުގެ ހައްގެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދޭން ހުރި ޖަވާބެއް ނުދެވޭނެ. ގޭދޮށުން ދިމާވެގެން ޖާވާބު ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް ޖަވާބެއް ނުލިބޭނެ. ރަސްމީ ގަޑީގައި ގުޅުއްވާ. ނޫނީ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަށް ގުޅުއްވައިގެން ސާފު ކުރައްވާ،" ވަރަށް ރުންކުރު ގޮތަކަށް ޖަވާބު ދެއްވަމުން މުނާޒު ވިދާޅުވިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން މީޑިއާތަކުން އަދީބު މާދަމާ މިނިވަންވާނެ ކަމަށް ހަބަރުގައި ލިޔަމުން ދާއިރު އެކަން އެނގިހުރެ ރަނގަޅު ނުކުރެއްވީ ކީއްވެގެންތޯ "ސަން" އިން ސުވާލު ކުރުމުން މުނާޒު އެއްޗެއް ވިދާޅެއް ނުވިއެވެ.

ޖޫން 12، 2019: ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ހަމަ ޖެހިފައިވަނީ ހުކުރު ދުވަހުއެވެ. އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހު 26 ވަނަ ދުވަހުއެވެ. އަދީބު ރާއްޖެއިން ބޭރަށް ދަނީ އެއް އަހަރުގެ ވަގުތީ ޓްރެވެލް ޑޮކުމަންޓެއްގައެވެ. އެ ޑޮކިއުމަންޓުން ފުރޭނީ ހަމައެކަނި އިންޑިއާއަށް ކަމަށް އިމިގްރޭޝަން އިން ބުނެއެވެ.

މިއަދު ކޮމެޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަދީބަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ސުވާލު ކުރީ ހަމަ އެެކަނި އެމްޑީޕީގެ މެމްބަރުންނާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމެވެ. ކޮމިޓީއަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހާޒިރުވެ ވަޑައެއް ނުގަންނަވައެވެ.

comment ކޮމެންޓް