ފަނޑިޔާރުންގެ ޖަމްއިއްޔާ އުފެއްދުމާ ގުޅޭގޮތުން އޭޖީގެ ލަފަޔަކަށް އެދިއްޖެ

ތަޖުރިބާ ހޯދުމަށް ޝަރުއީ ދާއިރާގެ ވަފުދެއް ތުރުކީގައި --- ފޮޓޯ: ޖުޑީޝިއަރީ

ފަނޑިޔާރުންގެ ޖަމްއިއްޔާ އުފެއްދުމާ ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ފަނޑިޔާރުންގެ ޖަމްއިއްޔާ އުފައްދަން ނިންމައިފައެވެ.

އެ ޖަމްއިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ގައި ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.

ނަމަވެސް މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޖަމްއިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ގޮތެއް ނިންމާނީ ބަންޑާރަ ނައިބުގެ ލަފަޔާ އެކުގައި ކަަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފަނޑިޔާރުންގެ ޖަމްއިއްޔާ ހަދަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވާ ހައްގުގެ ދަށުން ކަމަށެވެ.

އެ ޖަމްއިއްޔާގެ މަގުސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށް ޑީޖޭއޭއިން ބުންޏެވެ.

comment ކޮމެންޓް